ޣައްޒާގެ ބައެއް ސަރަހައްދުތަކުން 10 ގަޑިިއިރަށް ހަނގުރާމަ ހުއްޓާލަނީ
27 ޖުލައި 2025 - 06:30
.webp&w=1920&q=75)
ޣައްޒާގެ ބައެއް ސަރަހައްދުތަކުން 10 ގަޑިިއިރަށް ހަނގުރާމަ ހުއްޓާލަން ނިންމާފައިވާކަމަށް ސަހުޔޫނީ ދައުލަތް- އިސްރާއީލުން ބުނެފިއެވެ.
ޔަހޫދީން ބުނީ ޣައްޒާގެ އަލް-މަވާސީ، ދެއިރު އަލް-ބަލަހު އަދި ޣައްޒާ ސިޓީގައި 10 ގަޑިއިރަށް ހަނގުރާމަ ހުއްޓާލަން ނިންމާފައިވާކަމަށެވެ.
މިގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 8 އަށް ހަނގުރާމަ ހުއްޓާލާނެކަމަށް ބުނެފައިވާއިރު މިއަދުން ފެށިގެން މި ނިންމުން ތަންފީޒުކުރާނެކަމަށް ސަހުޔޫނީން ބުނެއެވެ.
ސަހުޔޫނީންގެ އަނިޔާވެރިކަމާއެކު ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމި ނަމަވެސް މއިަދު ހެނދުނުވެސް ހަމަލާތަކުގައި 15 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން އިތުރު 5 މީހުން ވަނީ ޝަހީދުވެފައެވެ.
ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުން އަންނައިރު ޣައްޒާގެ ހިސާރާ ދެކޮޅަށް ކާބޯތަކެތި ބަރުކޮށްގެން ޣައްޒާއަށް ކަނޑުގެ މަގުން ވަދެވޭތޯ ދިޔަ "ހަންދަލާ" ބޯޓު މިއަދު ވަނީ ހިފަހައްޓާފައެވެ. ދި އެ ބޯޓުގައި ތިބި 21 ފަޅުވެރިން ވަނީ ހައްޔަރުކޮށްފައެވެ.
ސުލްހައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވުމަށް ސަހުޔޫނީންނަށް ގޮވާލައި ހަމާސް ނައްތާލުމަށް ގޮވާލާފައެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 59,733 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 144,477 މީހުންވަނީ ޒަހަމްވެފައެވެ.