6 މަސްތެރޭގައި ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ހޭދަކޮށްފި
25 ޖުލައި 2025 - 06:46

މި އަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ.
ޒަކާތު ފަންޑުން ފުރަތަމަ 6 މަސްދުވަހު ހޭދަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ޒަކާތުގެ ބެހެނިވެރިންނަށް ވަނީ ހޭދަކޮށްފައެވެ.

Ad by Hajj Corporation
މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސީދާގޮތުން އެހީގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާގެ މަގުން 14.2 މިލިޔަން ރުފިޔާ، ނުސީދާގޮތުން ފަޤީރުންނާއި މިސްކީނުންގެ ބައިން ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތު ފަންޑުން 78،377.97 (ހަތްދިހަ އަށް ހާސް ތިން ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ނުވަދިހަ ހަތް ލާރީގެ) އެހީދެވިފައިވެއެވެ.
މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ބައިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ދެވޭ ބޭސްފަރުވާގެ އެހީ 594 މީހަކަށް ޖުމްލަ 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެފަރުވާ ހޯދުމަށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށެވެ.
އާމިލުންގެ ބައިން އިދާރީ މުވައްޒަފުންގެ އުޖޫރައަށް 1.8 މިލިޔަން ރުފިޔާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2024 ގެ ޕެނަލިސްޓުންނަށް 4،775.86 ރުފިޔާ ހަރަދުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އިބުނުސަބީލް ބައިން 4،28،107.32 (ހަތަރު ލައްކަ އަށާވީސް ހާސް އެއް ސަތޭކަ ހަތް ރުފިޔާ ބައްތިރީސް ލާރި) ހޭދަކުރިއިރު ފީސަބީލިﷲ ބައިން ތައުލީމާއި ތަމްރީނުތަކަށް ކަންކަމަށް ވަނީ ހަރަދުކޮށްފައެވެ.


