ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަ ކުއްޖަކު އިންޑިއާ އަށް ފޮނުވަނީ
11 ޖުލައި 2026 - 13:15

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފޮނުވުމަށް ހަމަޖައްސައިފި އެވެ.

Ad by Hajj Corporation
މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފޮނުވުމަށް ހަމަޖެހިފައިވެ އެވެ.
ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމް، ތިން އިދާރާއާއި ތެލަސީމިއާ ސެންޓަރުގެ އިސްވެރިންގެ އިތުރުން ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ ވާހަކަފުޅު ދެއްކެވި އެވެ. އަދި ޒަކާތު ފަންޑުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ޑިރެކްޓަރ ޖެނެރަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތުހަމަވާ ކުދިންގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފަ އެވެ. މި އެހީ ފޯރުކޮށްދިނީ 21 ފެބްރުއަރީ 2024ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުންނެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއްކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދޭ ދާއިމީ ފަރުވާ އެވެ. މި ޚާއްޞަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެ އެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޖުމުލަ 10 ކުއްޖަކު ވަނީ އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފަ އެވެ. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރަމުންނެވެ.
މީގެ ދެ އަހަރު ކުރިން 2024ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަންޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީ ދިރިއުޅުން ފަސޭހަކޮށްދޭ، މި ފަރުވާ ހޯދައިދިނުމަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީދާ ގޮތުން ޚަރަދުކޮށްފަ އެވެ.


