ފުލުހުންނާއި ސިފައިންގެ މުޢައްސަސާ ކުރިއެރުވުމަކީ އަޅުގަނޑަށް ލިބޭ ފަޚުރެއް - ރައީސް
26 ޖުލައި 2025 - 07:04

ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށްވާންޖެހޭނީ ސިފައިންނާއި ފުލުހުންގެ ކުރިއެރުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން ކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާޢުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހެނީ ފުލުހުންނާއި ސިފައިން ކަމަށެވެ.
އަދި ރާއްޖެއަކީ މިނިވަންކަމުގައި ފަޚުރުވެރި، ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށާއި އެ މިނިވަންކަން ދިފާޢު ކުރުމުގައި ޤައުމީ ސަލާމަތީ ބާރުތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ކުރިއަށް އޮތްތަނުގައިވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ސިފައިންނާއި ފުލުހުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެޚިދުމަތް ބަލައިގަންނަ ކަމަށެވެ.