ލަންކާއިން ދިވެހީންނަށް އެއް އަހަރުގެ ވިސާ ދޫކުރަނީ
26 ޖުލައި 2025 - 10:32

އަންނަ މަހުން ފެށިގެން ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދިނުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަ ތު ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯގައި ބޭއްވި ފަތުރުވެރިކަމާއި ގުޅޭ އެގްޒިބިޝަނެއްގައި ވާހަކަ ދައްކަވަމުން ލަންކާގެ ފޮރިން މިނިސްޓަރު ވިދާޅުވީ މިހާރު ދިވެހީންނަށް ދީފައިވަނޫ ކުރު މުއްދަތެއްގެ ވިސާ އެއް ކަމަށެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ދިވެހީންނަށް ލަންކާގައި ތިބުމަށް އެއް އަހަރު ދުވަހުގެ ވިސާ ހަމަޖެހިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ނިންމުމާއި އެކީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ދިވެހިންނަށް ވިސާ ލިބިގެންދާނެއެވެ. ލަންކާގެ ބައެއް ނޫސްތަކުންވެސް މިކަން ޔަގީންކޮށްދީފައިވެއެވެ.
މިނިންމުމުގެ ސަބަބުން ލަންކާ އަށް އަންނަ ދިވެހީންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދިވެހިންނަށް މިހާރު ވެސް ލަންކާއިން އޮންއެރައިވަލް 30 ދުވަހުގެ ވިސާއެއް ލިބެ އެވެ. ނަމަވެސް، ފީއަކާއެކު އޮންލައިންކޮށް، އެ މުއްދަތުގެ ހަ މަސް ދުވަހަށް އިތުރުކުރެވެއެވެ.
މިނިންމުން ނިންމާފައިވާއިރު ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށް ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.