ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރާނެ: ލަންކާ ރައީސް
28 ޖުލައި 2025 - 06:26
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުން އެއްބާރުލުން ދެވެން ހުރި ދާއިރާތަކާ ގުޅޭގޮތުން މާނަ ހުރި މަޝްވަރާތަކެއް ރައީސް ޑރ.މުހައްމަދު މުއިއްޒުާއި އެކު ބާއްވާނެ ކަމަށް ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާދެވުނީތީ އުފާކުރައްވާ ކަމަށެވެ. އަދި މިދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާއި ދެމެދު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާތައް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށްވެސް ލަންކާގެ ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ދިސަނަޔަކަ ރާއްޖެވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެއާޕޯޓުން އެމަނިކުފަނަށް މަރުހަބާ ދެންނެވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި ދައުލަތުގެ އިސްވެރިންނެވެ.
މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސް ޑރ. މުއިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.