ދިވެހިން އިސްކޮށް ކާމިޔާބު ޚާރިޖީ ސިޔާސަތެއްގެ އުފާވެރި ޒަމާން

1 އޯގަސްޓު 2025 - 08:55

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރު 2023 ގައި ރާއްޖޭގެ ވެރިކަމުގެ ހުންގާނާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ ދެކެމުން އައީ ބޮއްސުންލާފައިވާ ޚާރިޖީ ސިޔާސަތެއްގެ ޒަމާނެކެވެ. ޚާރިޖީ ސިޔާސަތުގެ ބެލެންސްކަން ގެއްލި ބައެއް ޢަރަބި އިސްލާމީ ޤައުމުތަކާއި އޮތް އުޚުތްވަތްތެރިކަމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެއިރު ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ހަމަހަމަކަން ނެތުމުގެ ސަބަބުން މީގެ އިތުރު ގެއްލުންތަކާއި ވެސް އޮތީ ޤައުމަށް ކުރިމަތިލާން ޖެހިފައެވެ. އެމްޑީޕީގެ އެ ސިޔާސަތުގެ ސަބަބުން މަޝްރޫޢުތައް ހިންގުމަށް މަދަދުދޭ ބައެއް ޤައުމުތަކާއި ވެސް ރާއްޖެ އޮތީ ފެޔަށް ގެންގޮސްފައެވެ.
ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ޤައުމުގެ ޚާރިޖީ އޮޑި ހަމަވައިގައި އަމާން އައްސޭރިއަކަށް ދީއްލާލައި، އެކަމުގެ ފައިދާ ޤައުމަށް ދަނީ ކުރަމުންނެވެ. ޢަރަބި އިސްލާމީ ޤައުމުތަކާއި އެކު ގުޅުން ދުވަހަކުވެސް ބަދަހިނުވާ މިންވަރަށް ބަދަހިވެ، އަވަށްޓެރިންނާ އެކު އޮތް ގުޅުން ވެސް ވަނީ މުޅިން އައު ހަރުފަތަކަށް ގެންދަވާފައެވެ. އިގްތިސާދީ މަދަދުދޭ އެހެނިހެން ޤައުމުތަކާއި އެކުވެސް އޮންނަ ގުޅުން ވަނީ ބޮޑުތަނުން ހަރުދަނާކުރަށްވާފައެވެ.
އެންމެ ފުރަތަމަ ދިވެހިން އިސްކުރުމުގެ ސިޔާސަތު
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސް މޮޓޯއަކީ އެންމެ ފުރަތަމަ ދިވެހިންނެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެއެވެ. އެހެންނަމަވެސް، ކަން ކުރާނީ ދިވެހިންކަމުގެ ސިޔާސަތުކަމަށާއި، އަބަދުވެސް އިސްވާނީ ދިވެހީން ކަމަށް އެމަނިކުފާނު ވިދާޅުވެފަވެއެވެ. އަދި މިހާތަނަށް އަންނަނީ އެކަން އަމަލީގޮތުން ދައްކަވަމުން ވެސް މެއެވެ.
''އަޅުގަނޑުގެ މައިގަނޑު ސިޔާސަތަކަށްވީ އަދި ވާނީވެސް ދިވެހިން އިސްކުރުން. ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެ. އެހެންނަމަވެސް، ކަން ކުރާނީ ދިވެހިންކަމުގެ ސިޔާސަތު. ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ދިވެހިންގެ އަތުން ކުރުން. ދިވެހިރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި، އެހެން ހުރިހާ ޤައުމުތަކާވެސް ރަޙްމަތްތެރި ގާތް ގުޅުން ބޭއްވުން. އެއީ، އަޅުގަނޑުގެ ސިޔާސަތަކީ. އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވި، މިއަދުވެސް ދަންނަވަން އޮތް އަދި މާދަމާގެ ސިޔާސަތަކީ މިއީ.'' މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވެފަވެއެވެ.
އަވަށްޓެރި ޤައުމުތަކާއިއެކު ބަދަހިގުޅުމެއް
ތިމާ ޔަށް ދިމާވާ ކުޑަ ބޮޑު އެންމެހާ ކަމެއްގައި އެންމެ ފުރަތަމަ އަތް ފޯރުކޮށްލަދެވޭ ހިސާބުގައި ތިބޭ ބަޔަކީ އަވަށްޓެރިންނެވެ. ރައީސް މުޢިއްޒުގެ ޒައާމަތުގައި މިވަނީ ރާއްޖޭގެ އެންމެ އަވަށްޓެރި ދެ ޤައުމުކަމަށްވާ އިންޑިއާ އާއި ސްރީލަންކާ އާއި ދެމެދު އޮންނަ ގުޅުން މީން ޒަމާނަކު ނުދެކޭހާ ބަދަހި ގުޅުމަކަށް ހައްދަވާފައެވެ.
އޭގެ އެއް މިސާލަކީ މި މަހުގެ މި ދެ ޤައުމުގެ އިސް ވެރިން ވެސް ވަނީ ރާއްޖެ އަށް ފުރަމާނަ ދަތުރުފުޅުތައް ކުރަށްވާފައެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ ދައުރެއްގައި މަދުން ނޫނީ ހާސިލްވިކަމެއްކަމުގައި ނުވާނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ ވަނީ މިމަހުގެ 25 އިން 26 އަށް ދެ ވަހުގެ ފުރަމާނަ ދަތުރުފުޅެއް ދިވެހިރާއްޖެއަށް ކުރަށްވާފައެވެ. ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ޚާއްޞަވެގެންދިޔަ ދަތުރުފުޅެކެވެ. ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދެވުނެވެ. އަދި، ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް، ދެޤައުމުގެ ގުޅިފައިވާ ބަޔާނެއްވެސް ނެރުނެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ފެށުމާއި، ދެޤައުމުގެ ގުޅުން ރަމްޒީގޮތުން ފާހަގަކުރުމުގެ ގޮތުން، ސަލްޓަންޕާކުގައި ބޭއްވެވި ގަސް އިންދުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރައްވާފައެވެ. ހަމަ މިދަތުރުފުޅުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވިއެވެ.
މޯދީގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާ-ރާއްޖެ ވަނީ މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކުރަށްވާފައެވެ. އެ އެއްބަސްވުންތަކަކީ،
1. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް ވެވޭ އެއްބަސްވުން
2. އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާއިދެމެދު އަމްބްރެލާ ލައިން އޮފް ކްރެޑިޓް (565 މިިލިއަން ޑޮލަރު – އިންޑިއާ ފައިސާއިން) އެއްބަސްވުން
3. އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ އާއި ދިވެހި ސަރުކާރާއިދެމެދު ވެވޭ ފަސްޓް އެމެންޑެޓަރީ ޑޮލަރ ކްރެޑިޓް ލައިން އެގްރީމަންޓް
4. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ، އެންޑް ޑެއިރީއިން އާއެކު މަސްވެރިކަމާއި އެކުއާކަލްޗަރގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭގޮތުން ވެވޭ އެއްބަސްވުން
5. އިންޑިއަން ފާމަކޯޕިއާ ކޮމިޝަން، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރ އާއެކު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފާމަކޯޕިއާ ކޯޕަރޭޝަން
6. އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޓްރޮލޮޖީ، މިނިސްޓްރީ އޮފް އަރތް ސައިންސަސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އާއި މޯލްޑިވްސް މެޓްރޮލޮޖިކަލް ސަރވިސަސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓް އާއެކު މެޓްރޮލޮޖީ، އެޓްމެޮސްފެރިކް ސައިންސަސް، ކްލައިމެޓް ސައިންސަސް، އަދި އެންވަރަމަންޓް މޮނިޓަރިންގގެ ދާއިރާއިން އެއްބާރުލުމަށް ވެވޭ އެއްބަސްވުން
7. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއެކު ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން އެއްބާރުލުމަށް ވެވޭ އެއްބަސްވުން
8. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއެކު ނެޓްވަރކް-ޓު-ނެޓްވަރކް ކްރޮސް ބޯޑަރ ރެމިޓަންސް ފެށުމަށް ވެވޭ އެއްބަސްވުން
މިއަހަރު ޖޫން ހިސާބުގައި ދިވެހިރާއްޖެއިން އިންޑިއާ އަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރުވެސް އިންޑިއާ ސަރުކާރުން ރޯލްއޯވަރ ކޮށްދެއްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތިރުން ލައިން އޮފް ކްރެޑިޓްގައި ބާކީހުރި ފައިސާވެސް ބޭނުންކުރެވޭނެގޮތަށް މަގުފަހިކޮށްދެއްވިއެވެ.
އެއަށްފަހު ޖުލައި 28 އިން 30 އަށް ދިވެހި އަވަށްޓެރި އަނެއް ޤައުމުކަމަށްވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރަށްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އައު ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރަށްވާފަވެއެވެ. މިގޮތުން ސޮއިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރޭނިންގ އިންސްޓިޓިއުޓް އާއި ދެމެދު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސް ގައެވެ. މިއެއްބަސްވުމުގެ ދަށުން، ދެޤައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީނުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އިދާރީ ވަސީލަތްތަކާއި ޑޮކިއުމެންޓޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރެވިގެންދާނެއެވެ.
މީގެ އިތުރުން ދެޤައުމުގެ މެދުގައި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވޭ މުއާހަދާއެއްގައިވެސް މިއަދު ސޮއިކުރައްވާފައިވެއެވެ. ކެބިނެޓުން ފާސްކޮށްފައިވާ މިމުއާހަދާގެ ދަށުން، ޖިނާޢީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި، ދަޢުވާކުރުމާއި، ހެއްކާއި މަޢުލޫމާތު ހިއްސާކުރުން ފުޅާކުރެވިގެންދާނެއެވެ.
މިއެއްބަސްވުމާއި މުއާހަދާއަކީ ޑިޕްލޮމަސީ އާއި ޤާނޫނީ ދާއިރާތަކުގެ ޒަރީއާއިން ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
މިދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި މީގެ އިތުރުން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ފަށަން ލަންކާއިން ވަނީ ނިންމާފައެވެ.
ޢަރަބި އިސްލާމީ ޤައުމުތަކާއިއެކު ވަރުގަދަ ގުޅުމެއް
ރާއްޖެއިން ވަނީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން އިހުނަށްވުރެ ބަދަހިކޮށް، އެ ޤައުމުތަކާއެކު ގާތް ގުޅުމެއް ބާއްވަން ފަށާފައެވެ.
މިގޮތުން ބަލާއިރު، ސައޫދީއަރަބިއްޔާ އާއި އެކު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔުމުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ދިވެހި ހައްޖުވެރީންނަށް މި އަހަރުން ފެށިގެން ލުއި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔައީ މި ގުޅުމުގެ ތެރެއިންނެވެ. 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިކުރި 8 ޤަައުމުގެ ތެރޭގައި ސައޫދީން ވަނީ މިއަހަރުން ފެށިގެން ދިވެހިރާއްޖެ ހިމަނާދީފައެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ. އެކަމުގެ ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިގެން ދިޔަކަން ހައްޖުވެރިން ވަނީ ޝުކުރުވެރިކަމާއެކު ބަލައިގެންފައެވެ. ހަމައެހެންމެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް އަވަސްކޮށް ނިންމުމަށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ވަނީ 17 މިލިއަން ޑޮލަރުގެ ލޯނު އެހީ ހަމަޖައްސައިދީފައެވެ. އަދި ހަމައެއާއެކު ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ޤާއިމުކުރުމަށް ފަންޑް ވަނީ ކަށަވަރު ކުރެވިފައެވެ.
ރައިސް މުޢިއްޒުގެ ޚާރިޖީ ކާމިޔާބު ސިޔާސަތުގެ ދަށުން ތުރުކީވިލާތާ ވެސް ވަނީ ގާތް ގުޅުމެއް ގާއިމުކުރަށްވައި ފުރަތަމަ ފަހަރަށް ދިވެހި އެމްބަސީއެއް ވަނީ އެ ޤައުމުގައި ހުޅުވާފައެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފަހު މަރުހަލާގައި އޮތްއިރު، މި އެއްބަސްވުމުގެ ސަބަބުން ތުރުކީން ރާއްޖެ އެތެރެކުރާ 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫ.އޭ.އީ) ވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ގުޅުން ވަރުގަދަކުރަށްވާފައެވެ. މިގޮތުން ރާއްޖެއިން ޔޫ.އޭ.އީ.އަށް ދައްކަން އޮތް ލޯނުވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސްކޮށްދެއްވާނެ ކަމަށްއެ ޤައުމުން ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިޔާ އާއި އެކު ވެސް ރާއްޖެއިން އޮންނަ ގުޅުން ވަނީ މުޅިން އައު ހަރުފަތަކަށް ގެންގޮސްފައެވެ. އެ ޤައުމަށް ރައީސް ރަސްމީ ދަތުރުފުޅެއް ވެސް މިއަހަރު ކުރަށްވާފައިވާއިރު، އެ ދަތުރުފުޅާއެކު ވެސް ދެ ޤައުމަށް ވަނީ ފައިދާތަކެއް ލިބިގެން ގޮސްފައެވެ.
މީގެ އިތުރުން ވެސް ގަތަރު، ޕާކިސްތާން ފަދަ އިސްލާމީ ޤައުމުތަކާއެކު އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެގެން ގޮސްފައެވެ.
މަދަދު ދޭ އިތުރު ޤައުމުތަކުގެ އިތުބާރު ބޮޑުވެފައި
ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަނީ އެމްޑީޕީން ފަނޑުކޮށްލި ދެ ޤައުމުގެ ގުޅުން އަލުން އިޔާދަކޮށްފައެވެ. ދިވެހިރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތަކާއި، އެ ލޯނުގެ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރަށް ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައި ވުމަކީ އިޔާދަވި މި ގުޅުމުގެ ރަމްޒެކެވެ.
ޖަޕާނަކީ ދިވެހިންގެ ދެގޮތެއްނުވާ މިތުރެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރާއެކު ޖަޕާނާއެކު އޮތް ގުޅުން އިތުރަށް ވަނީ ބަދަހިކުރަށްވާފައެވެ. ޖަޕާނުން އަންނަނީ ރާއްޖޭގެ އުފެއްދުންތެރިކަން މަތިކޮށް، ފަންނީ ގާބިލް ރައްޔިތެއް ބިނާ ކުރުމަށާއި، ރާއްޖޭގެ އިޖުތިމާއީ، ސިއްހީ އަދި އުމްރާނީ ތަރައްގީ އަށް ގިނަގުނަ އެހީތަކެއް ވަމުންނެވެ. މި ސަރުކާރުގައި ވެސް ޖަޕާނުގެ އެހީތެރިކަން ވަރަށް ބޮޑެވެ. އެއީ ބަދަހިވެ ފައްކާވި ގުޅުމުގެ ނަތީޖާއެވެ. އެކަމުގެ އެއް މިސާލަކީ ޖަޕާން ސަރުކާރުގެ އެހީގައި މާލޭގެ ވަށައިގެން ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާނުން 10.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމައި އެކަމާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މި މަހު 26 ގައި ސޮއިކޮށްފައި ވުމެވެ. ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމަށް މި އަހަރު މޭމަހު ނިންމާފައެވެ. މިނޫން ވެސް ގިނަ އެހީތަކެއް މި ދޮޅު އަހަރުގެ ތެރޭގައި ޖަޕާނުން ދީފައިވާއިރު، ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕާނީސް ޔެން (2.8 އެމެރިކާ ޑޮލަރު) ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ރާއްޖެއިން އިނގިރޭސިވިލާތާއި އެކު އޮތް ގުޅުން ވެސް ވަރުގަދަކޮށްފައިވާއިރު، އިނގިރޭސިވިލާތާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ވަނީ ފަށާފައެވެ. އަދި ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ފަށާފައިވާ ''ދިވެހިރާއްޖެ 2.0'' އަކީ އެސްޓޯނިއާގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ހިންގަމުން އަންނަ މަޝްރޫޢޫ އެކެވެ.
މީގެ އިތުރުން ވެސް ސިންގަޕޫރާއި، އާޒާރުބައިޖާނާއި މި ނޫންވެސް އެތައް އެތައް ޤައުމުތަކަކާއެކު ރާއްޖެއިން ވަނީ ގާތް ގުޅުމެއް އުފައްދައި، މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް އެތައް ފަސޭހައަކާއި، ރާއްޖެ އަށް އިގްތިސާދީ އެތައް ނަފާވެރިކަމެއް ލިބެމުންދާކަމީ މިއަދު ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތް ހަގީގަތެކެވެ.
އައު އުންމީދީ ދިރުމެއްގެ ފެށުން
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިޤްތިޞާދީ ކުރިއެރުމާ ގުޅިލާމެހިފައިވާ ނާޒުކު ދާއިރާއެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އޮތީ ނާޒުކު ހާލަތެއްގައެވެ.
އެމްޑީޕީ ސަރުކާރުގެ ދައުރުގައި ގެންގުޅުނު ހަމަހަމަކަން ގެއްލިފައިވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ޢަރަބި އަދި އިސްލާމީ ޤައުމުތަކާ އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މީގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވަމުން އައި ގިނަ ޤައުމުތަކާ އޮތް ގުޅުން ވެސް އޮތީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ޚާރިޖީ ސިޔާސަތަށް އައު ދިރުމެއް ގެނެސްދީފައެވެ. ޢަރަބި އަދި އިސްލާމީ ޤައުމުތަކާއެކު އޮތް ގުޅުން ވަނީ ކުރިން ނުދެކޭފަދަ މިންވަރަކަށް ހަރުދަނާވެފައެވެ. އަދި އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ވެސް ވަނީ އައު ހަރުފަތަކަށް ގެންގޮސްފައެވެ.
މި އައު ޚާރިޖީ ސިޔާސަތުގެ ސަބަބުން، ރާއްޖެއަށް ލިބެމުންދާ އިޤްތިޞާދީ ފައިދާތައް ވަނީ އިތުރުވެފައެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް މަދަދުދޭ ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާވެ، އެ ޤައުމުތަކުގެ އިތުބާރު އަލުން ހޯދުމަށް ވަނީ މަގުފަހިވެފައެވެ. މިއީ ދިވެހިރާއްޖޭގެ ކުރިމަގަށް އުފާވެރި އުއްމީދުތަކެއް ގެނެސްދޭ ކަމެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ދިވެހިރާއްޖެ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އައު ހައިބަތަކާއި ޤަދަރެއް ހޯދާފައެވެ. މި ކާމިޔާބީތަކުގެ އަލީގައި، ދިވެހިރާއްޖޭގެ މުސްތަޤުބަލް އޮތީ އުޖާލާ ދުވަސްތަކަކާ ދިމާލަށް ދަތުރުކުރަމުންނެވެ.