ދިވެހި އިންވެސްޓަރުންނަށް ލަންކާގެ ބޭންކުތަކުން ލޯނު ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭ: ސަފީރު
1 އޯގަސްޓު 2025 - 11:16

ސްރީލަންކާގައި އިންވެސްޓް ކުރުމަށް ބޭނުންވާ ދިވެހިން އިންވެސްޓަރުންނަށް އެގައުމުގެ ބޭންކުތަކުން ލޯނު ދިނުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ދިވެހިރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިހެން ވިދާޅުވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.
މަސްއޫދު ވިދާޅުވީ ސްރީލަންކާ އިން އިންވެސްޓަރުންނަށް ދެއްވި ދައުވަތާއިއެކު ފުދޭވަރެއްގެ ރަނގަޅު ފުރުސަތުތަކެއް ހުރި ކަމަށެވެ. ސްރީލަންކާގައި ބޭރުގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭނެ، ފަހި މާހައުލެއް އެބައޮތް ކަމަށް ވިދާޅުވެ، ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިތަކަށް އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ މިދިޔަ ހަފްތާގައި ވަނީ ދައުވަތު ދެއްވާފައެވެ.
މަސްޢޫދު އިމާދު ވިދާޅުވީ ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިންނަށް ގިނަ ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށެވެ. ލަންކާއާއި ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނުއިރު، އިތުރު 27 ފަހުމުނާމާއެއް ދެ ގައުމުގެ މެދުގައި ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ސަފީރު ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް ޑިސަނަޔެކެގެ ސަރުކާރުން ރާއްޖެއާއި ދޭތެރޭގައި ދެކެވަޑައުގަންނަވަނީ ވަރަށް ރަނގަޅަށް ކަމަށް މަސްއޫދު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ދިވެހިންނަށް ސްރީލަންކާއިން ބިން ދިގު މުއްދަތަކަށް އިންވެސްޓްކުރުމަށް ދޫކުރާ ގޮތައް މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.
ޑިސަނަޔަކަ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި ޑިސަނަޔަކެ ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހިފުރުސަތުތަކެއް ގާއިމުކޮށްދިނުމަށް ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ރައީސް ޑރ.މުޙައްމަދު މުއިއްޒުއާ ހިއްސާކުރެއްވި ކަމަށެވެ.