ރާއްޖޭގެ އިޤްތިޞާދު އިތުރަށް ރަނގަޅު ކުރުމަށް ލަންކާއިން އެހީވާނެ
29 ޖުލައި 2025 - 16:41

ރާއްޖެއަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޙްތިރާމުގެ ޒިޔާރަތްކުރައްވައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާފައިވަނީ 2 ޤައުމު ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރި ގުޅުންތައް ވަރުގަދަ ކުރުމަށެވެ.
މީގެ އިތުރުން ބަދަލުވުމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މަޙައުލުގައި އިސްތިރާޖީ ގޮތުން ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރުމަށްވެސް ބައްދަލުވުމުގެ ތެރެއިން ވަނީ މަޝްވަރާކޮށްފައެވެ.
ސްރީލަންކާގެ ރައީސް ދެ ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް ބަދަހިކުރުމަށް މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުން ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ބާއްވާފައިވެއެވެ.