ފީފާ އާއި ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން އާއި ދެމެދު ހަނގުރާމަކުރަނީ
26 ޖުލައި 2025 - 11:01

ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާ ފީފާ އިން ކުޅުންތެރިންގެ ދުނިޔޭގެ ޔޫނިއަން (ފިފްޕްރޯ) އަށް ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކޮށް، މާލީ ހިސާބުތައް ހާމަނުކުރާ ކަމަށް ބުނެފިއެވެ. މިއީ ފިފްޕްރޯއިން ފީފާގެ ހިންގުމާއި ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ފާޑުކިޔުމަށްފަހު އައި ހަރުކަށި ރައްދެކެވެ.
ފިފްޕްރޯގެ އައު ރައީސް ސަރޖިއޯ މާރޗީ ވަނީ ދި އެތްލެޓިކްއަށް ދެއްވި އިންޓަވިއުއެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ "އޮޓޮކްރަސީ" އަކީ އެމީހުންގެ އެންމެ ބޮޑު ހުރަސް ކަމުގައި ބުނެފައެވެ. މި ބަސް އިތުރަށް ބާރުގަދަވެގެން ދިޔައީ ނެދަލެންޑްސްގައި 58 ކުޅުންތެރިންގެ ޔޫނިއަންތަކާއެކު ބޭއްވުނު ބައްދަލުވުމަކަށް ފަހުއެވެ.

Ad by Hajj Corporation
ފީފާއިން މިކަމަށް ރައްދު ދެމުން ބުނެފައިވަނީ ފިފްޕްރޯއިން "އާޓިފިޝަލް ޕީއާރު ހަނގުރާމައެއް" ހިންގަމުންދާ ކަމަށާއި، އެމީހުން އިސްކަންދެނީ ކުޅުންތެރިންގެ ދުޅަހެޔޮކަމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަށް ކަމަށެވެ. އަދި ފިފްޕްރޯގެ ގަވާއިދުތަކާއި މާލީ ހިސާބުތައް، އާމްދަނީގެ ވަސީލަތްތަކާއި ކުޅުންތެރިންގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ހައްގުތައް ހާމަކުރުމަށް ގޮވާލާފައިވެއެވެ.
މައްސަލައިގެ އަސްލު
މި ޚިލާފު އުފެދިފައިވަނީ ފުޓްބޯޅަ ކަލަންޑަރާއި ކުޅުންތެރިންގެ މަސައްކަތުގެ ބުރަދަނާ ގުޅޭގޮތުންނެވެ. މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ނިއުޔޯކްގައި ބޭއްވުނު ފީފާގެ ބައްދަލުވުމަކުން ފިފްޕްރޯ އެކަހެރިކުރުމާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި މެޗުތަކުގެ ދެމެދުގައި 72 ގަޑިއިރުގެ މުއްދަތެއް ދިނުމަށާއި، ސީޒަން ނިމުމުން 21 ދުވަހުގެ ހުސްވަގުތެއް ދިނުމަށް ނިންމާފައިވެއެވެ.
ފިފްޕްރޯއިން އަބަދުވެސް ވަކާލާތު ކުރަމުން އައީ 28 ދުވަހުގެ ހުސްވަގުތުކޮޅެއް ދިނުމަށެވެ. އަދި 32 ޓީމުގެ ކްލަބް ވޯލްޑް ކަޕް އެމެރިކާގައި ބޭއްވުމާމެދުވެސް ފާޑުކިޔާފައިވެއެވެ. ހޫނުގެ ސަބަބުންނާއި ވިއްސާރައިގެ ސަބަބުން ލަސްވުންތައް ދިމާވާނެތީ، މިއީ "ހައްދުފަހަނައަޅާފައިވާ އަދި އެކަށީގެންނުވާ" ހާލަތްތަކެއް ކަމަށް ބުނެފައިވެއެވެ.
ފީފާއިން އަބަދުވެސް އިސްކަންދެނީ ކުޅުންތެރިންގެ ދުޅަހެޔޮކަމަށްވުރެ، ކުޅުންތެރިން ބޭުނުންކޮށްގެން ލާރި ހޯދުން ކަމުގައި ފިފްޕްރޯއިން ތުހުމަތު ކުރެއެވެ. ފަހަކަށް އައިސް ޔުއޭފާގެ މުބާރާތް ތަކާއި ފީފާގެ މުބާރާތް ތަކާހުރެ، ބައެއް ކުޅުންތެރިންނަށް އަރާމުކުރާން ލިބޭދުވަސްތައް ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. އަދި ކުޅުންތެރިން ކުޅެންޖެހޭ މެޗުތައް ގިނަވެ، ކުލުންތެރިންނަށް އަނިޔާގެ މައްސަލަތައް ފަހަކަށް އައިސް ދަނީ ވަރަށް ގިނަވަމުންނެވެ.
އެގޮތުން މިދިޔަ އެއްއަހަރު ތެރޭގައި ރެއާލް މެޑްރިޑުން އެކަނިވެސް ކޮންމެ ފަސްދުވަހަކުން އެވަރެޖްކޮށް މެޗެއް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ރެއާލް މެޑްރިޑްގައި ޖުމްލަ 51 އަނިޔާ ރެކޯޑް ކުރެވިފައިވާއިރު، ފުރަތަމަ 11 ގައި މިދިޔަ ސީޒަނުގައި މޮޑްރިޗް ފިޔަވައި ހުރިހާ ކުޅުންތެރިންނަށްވެސް ވަނީ އަނިޔާވެފައެވެ.