2029 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ޤަތަރުން ޕްރޮޕޯސަލް ހުށަހަޅައިފި

ފީފާ ކުލަބް ވޯލްޑްކަޕްގެ ޓްރޮފީ ދައްކާލަނީ - ފޮޓޯ: ޓްރައިބިއުނާ

30 ޖޫން 2025 - 07:25
2029 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ޤަތަރުން ވަނީ ފީފާއަށް ހުށަހަޅާފައެވެ. މި މުބާރާތް ބޭއްވުމަށް ޤަތަރުން ހުށަހަޅާފައިވަނީ ހޫނު މޫސުމަށް ރިއާޔަތްކޮށް، ޑިސެމްބަރު މަހުގައެވެ.
ދަ ގާޑިއަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިހާރު އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގެ ތެރޭގައި ޤަތަރުގެ އިސް އޮފިޝަލުން ވަނީ ފީފާގެ އިސްވެރިންނާ މަޝްވަރާކޮށްފައެވެ. ޤަތަރުން ހުށަހަޅާފައިވަނީ ކާބަން-ނިއުޓްރަލް މުބާރާތެއް ބޭއްވުމަށެވެ. މިއީ މިހާރު އެމެރިކާގެ 11 ސިޓީއެއްގައި ކުރިއަށްދާ މުބާރާތާ ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ގޮތެކެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޤަތަރުން ތަރައްޤީކުރި 9 ސްޓޭޑިއަމް މިހާރުވެސް ވަނީ ބޭނުންކުރެވޭ ހާލަތުގައެވެ. މި ސްޓޭޑިއަމްތަކުގައި މިހާރުވެސް ޤަތަރު ސްޓާރސް ލީގުގެ މެޗުތައް ކުރިއަށްދެއެވެ. މިކަމުން މުބާރާތް ރާވައި ހިންގުމަށް ފަސޭހަވެ، ޚަރަދު ކުޑަވާނެ ކަމަށް ޤަތަރުން ބުނެއެވެ.
ނަމަވެސް މުބާރާތް ޑިސެމްބަރު މަހަށް ބަދަލުކުރުމާ މެދު ޔޫރަޕިއަން ލީގުތަކުން، ޚާއްޞަކޮށް ޕްރިމިއަރ ލީގުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ މިކަމުން އެ ލީގުތަކުގެ ޝެޑިއުލަށް ބޮޑެތި ބަދަލު އަންނާނެތީއެވެ. މީގެ އިތުރުން ޔޫރަޕިއަން ލީގުތަކާއި ފިފްޕްރޯ ވަނީ ކްލަބް ވޯލްޑް ކަޕާ ގުޅޭގޮތުން މަޝްވަރާ ނުކުރާތީ ފީފާއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ފަށާފައެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ބޮޑެތި އިނާމު ފައިސާގެ އަދަދުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން މިހާރު ކުރިއަށްދާ މުބާރާތުގެ ޖުމްލަ އިނާމުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. މުބާރާތް ކާމިޔާބުކުރާ ޓީމަށް 40 މިލިއަން ޑޮލަރު ލިބޭނެއެވެ.
2029 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ޤަތަރުގެ އިތުރުން ސްޕެއިން، މޮރޮކޯ އަދި ބްރެޒިލްވެސް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. މުބާރާތް ބާއްވާނެ ޤައުމަކާމެދު ގޮތެއް ނިންމުމުގެ ކުރިން ރަސްމީ ބިޑިންގ ޕްރޮސެސްއެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

އެފްއޭއެމްގެ ބޮޑު ޚިޔާނާތް: ތަފްޞީލީ މަޢުލޫމާތާއެކު ފީފާގެ ވަފުދާ ޙިއްސާކޮށްފި
9 މަސް ކުރިން
ފިފާ އިން ހޮވާ އެންމެ މޮޅުކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގައި ރެއާލް މެޑްރިޑް ޑޮމިނޭޓް ކުރަނީ
7 މަސް ކުރިން
ފީފާއިންހޮވާ އެންމެ މޮޅުކުޅުންތެރިންގެ ލިސްޓުގައި ލައުޓާރޯ ނެތުމުން އިންޓަރގެ ރައީސް ރުޅިގަދަވެއްޖެ
7 މަސް ކުރިން