ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ޠާރިޤް އިންތިޚާބު ކޮށްފި
26 ޖުލައި 2025 - 11:36

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް (ޓޮމް) ދާދި ދެންމެއަކު އިންތިހާބުވެފައެވެ. މިއީ އޭނާ އެފްއޭއެމްގެ ރައީސްކަމާ ހަވާލުވި ދެވަނަ ފަހަރެވެ.
މިފަހަރުގެ އިންތިހާބުގައި ޠާރިޤްއާއި ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވުމާއެކު، އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބެއްގެ އިއްތިފާގުން އޭނާއަށް ވަނީ ރައީސްކަން ލިބިފައެވެ. ޠާރިޤް މީގެކުރިން އެފްއޭއެމްގެ ރައީސްކަން ފުރުއްވާފައިވަނީ 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މުއްދަތަށެވެ.
އައު އެގްޒެކެޓިވް ކޮމިޓީ އެކުލަވާލައިފި
މިއަދު ހެންވޭރު މީރުމާ އިވެންޓްސްގައި ބޭއްވުނު އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި އައު އެގްޒެކެޓިވް ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ. މިގޮތުން ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އަލީ އިބްރާހީމް (ކައްޕި) އަދި ނައިބު ރައީސުންގެ ގޮތުގައި ހުސެއިން ޝާފިއު (ކޮކީ) އާއި މުޖުތަބާ ޖަލީލް ވަނީ ހޮވިފައެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ގޮތުގައި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު، މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމެނެއެވެ. އަދި އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ ވަނީ ހޮވިފައެވެ.
ޠާރިޤްގެ ކުރީގެ ދައުރުގައި އޭނާގެ ރައީސްކަން ގެއްލިފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެގްޒެކެޓިވް ކޮމިޓީގެ ފަސް މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެން ބޭއްވުނު އައު އިންތިހާބަކުންނެވެ. އެ އިންތިހާބުގައި ކާމިޔާބު ހޯއްދެވީ ބައްސާމް އަދީލް ޖަލީލެވެ.