ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެނީ
31 އޯގަސްޓު 2025 - 15:48

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މުބާރާތަށް ތައްޔާރުވާ ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީއެފްއޭ) އެފްއޭއެމްގެ ކިބައިން އެދިފައިވާއިރު، މި ކޭމްޕުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެފްއޭއެމްއިން އެދިފައިވާކަމަށް އެފްއޭއެމް އާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފިއެވެ.
ފަލަސްތީނުގައި ހަނގުރާމަ ކުރަމުންދާތީ، އެ ގައުމުގެ ޓީމުތަކަށް ފަލަސްތީނުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބޭތީ، އެ ގައުމުގެ ޓީމުތަކުން ތަމްރީނު ހަދަމުން އަންނަނީ އެހެން ގައުމުތަކުގައެވެ. މި ގޮތުން، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް އެދިފައިވަނީ މިއަހަރުގެ ނޮވެމްބަރު 8 އިން 19 އަށެވެ.

Ad by Hajj Corporation
މި ކޭމްޕް ރާއްޖޭގައި ބޭއްވުމުގެ އެހީތެރިކަމަށް ފަލަސްޠީނުގެ އެފްއޭ އިން ރާއްޖޭގެ އެފްއޭއެމްގައި އެދިފައިވާތީ އެ ހަރަދުތައް ބެލެހެއްޓުމަށް، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ބައްދަލުވުމެއްގައި ވަނީ ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައެވެ. މީގެ އިތުރުން، މި މުއްދަތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުންގެ އެހީ ހޯދުމަށްވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގެ އަހްމަދު އާބާދުގައެވެ. ނޮވެމްބަރު 22 އިން 30 އަށް ކުޅޭ މި ކޮލިފައިންގ ގުރޫޕްގައި ފަލަސްތީނާއެކު ހިމެނެނީ އިންޑިއާ، އިރާން، ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ. ރާއްޖޭގައި ބާއްވާ ތަމްރީނު ކޭމްޕަށްފަހު ފަލަސްތީނުގެ ޓީމު އިންޑިއާއަށް ދާނީ ރާއްޖޭގެ މަގުންނެވެ.
މި ކޮލިފައިންގ މުބާރާތުން އެއްވަނަ ހޯދާ ޓީމު، އަންނަ އަހަރުގެ މެއި މަހު ސައުދީ އަރަބިއާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ މި އަހަރުގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ވެސް ބޭއްވިފައިވަނީ ސައުދީ އަރަބިއާގައެވެ.