ފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''
23 އޭޕްރީލު 2026 - 12:07

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ދެމުންދާ ރަހުމުކުޑަ ހަމަލާތަކުގައި ޝަހީދުވި ދެ ދަރިންނަށް، ފަލަސްތީނުގެ މައަކު ކުރި އަސަރުގަދަ ވަދާއީ ސަލާމުން މުޅި ދުނިޔެ ރޮއްވާލައިފިއެވެ. ސުލްހައިގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޣައްޒާގެ އުތުރުގައިވާ ބައިތު ލާހިޔާ އަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ ފަސް މީހަކު ވަނީ ޝަހީދުވެފައެވެ.
މި ހަމަލާގައި އުމުރުން 9 އަހަރާއި 10 އަހަރުގެ ދެ ދަރިން ވަކިވެ، ފިރިމީހާ ޒަހަމްވި ފަލަސްތީނުގެ އަމީނާ އާބިދު، އޭނާގެ ދަރިންގެ ހަށިގަނޑު ކައިރީގައި ހުރެ ކަރުނައާއެކު ވަނީ ހިތްދަތި ޝުއޫރުތަކެއް ފާޅުކޮށްފައެވެ. ޝަހީދުވި މީހުންގެ ޖަނާޒާ ބާއްވާފައިވަނީ ޝިފާ ހޮސްޕިޓަލުގެ ގޯތިތެރޭގައެވެ.

Ad by Hajj Corporation
އަމީނާ ކިޔައިދިން ގޮތުގައި، ހަމަލާ ދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާގެ ދަރިފުޅު ވަނީ ބައްޕައާ ވާހަކަދައްކާލުމަށްޓަކައި ދިހައެއް ޖަހާއިރު ހޭލައްވައިދިނުމަށް އެދިފައެވެ.
އިސްރާއީލުން ދެ ދަރިން ޝަހީދުކޮށްލުމުން މަންމަ ހިތްފަޅައިގެން ގޮސްފައި، ފޮޓޯ: އަނަޑޯލު ނިއުސް
"މަންމާ، ދިހައެއް ޖަހާއިރު އަހަރެން ހޭލައްވާލަދޭތި، ބައްޕައާ ވާހަކަދައްކާލާފައި ރައްޓެހިންނާއެކު މަޑުކޮށްލަން ބޭނުން." އަމީނާގެ އެއް ދަރިފުޅު ބުންޏެވެ. އެހެންނަމަވެސް "އަހަންނަށް އެކަމަށް މާ ބޮޑު ވައުދެއް ނުވެވުނު'' ކަމަށް އަމީނާ ރޮމުން ކިޔައިދިނެވެ. 'އެންމެ ރަނގަޅު މަންމާ، އަހަރެން ނުނިދާ ހުންނާނަން، ފޯނާ ކުޅެން އިންނާނީ.'' ދެން ދަރިފުޅު އިތުރަށް ބުންޏެވެ.
ނަމަވެސް ވަރުބަލިވެފައި ހުރުމުގެ ސަބަބުން އަމީނާއަށް ނިދުނީއެވެ. ކުއްލިއަކަށް އިވުނު ބާރުގަދަ ގޮވުމާއެކު ބޭރަށް ނުކުމެ ބެލިއިރު، އޭނާގެ ދެ ދަރިން ކަމަށްވާ ސަލާހް އާއި އަބޫދު ތިބީ ފޭލިގެ ކުރިމަތީގައި ހަރަކާތެއް ނެތި ބިމަށް ވެއްޓިފައެވެ.
އިސްރާއީލުން ދެ ދަރިން ޝަހީދުކޮށްލުމުން މަންމަ ހިތްފަޅައިގެން ގޮސްފައި، ފޮޓޯ: އަނަޑޯލު ނިއުސް
"ކުއްލިއަކަށް ބާރުގަދަ ގޮވުމެއް އިވުނު؛ އަހަރެން ހޭލައިގެން ދުއްވައިގަތިން. ވަށައިގެން ބެލިއިރު ދަރިންނެއް ފެންނާކަށް ނެތް. ފޯނު އޮތީ އަހަރެންގެ އަތުގައި. އަހަރެންގެ ދަރިން، ސަލާހް އާއި އަބޫދު ކޮބައި ހެއްޔެވެ؟"
ފަލަސްތީނުގެ އެ މައިމީހާގެ ދަރިން ވަކިވެދިޔައީ އޭނާގެ ކުރިމަތީގައެވެ.
ދަރިން ޝަހީދުވީ އޭނާގެ ލޯމަތީގައި ކަމަށް ބުނަމުން އާބިދު ބުންޏެވެ.
"އަހަރެން އެތަނަށް ދުވެފައި ދިޔައިން. އެ އެންމެން ބިމަށް ވެއްޓިފައި އޮއްވާ ފެނުނު. އެކުދިން ތިބީ ޝަހީދުވެފައި. ފިރިމީހާ ވެސް އެކުދިންނާއެކު ހުރި، އެކަމަކު އޭނާ އޮތީ ޒަހަމްވެފައި،" ރޮމުން އަމީނާ ބުންޏެވެ.
"އަހަރެން އެތަނަށް ދުވެފައި ދިޔައިން. އެ އެންމެން ބިމަށް ވެއްޓިފައި އޮއްވާ ފެނުނު. އެކުދިން ތިބީ ޝަހީދުވެފައި. ފިރިމީހާ ވެސް އެކުދިންނާއެކު ހުރި، އެކަމަކު އޭނާ އޮތީ ޒަހަމްވެފައި. އަހަރެންގެ ދަރިން ވަނީ މި ދުނިޔެ ދޫކޮށްފައި."
އޭނާ އިތުރަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅު އަބޫދު މަރުވުމުގެ ކުރިން "މަންމާ" އޭ ބުނެ އޭނާއަށް ބަލާލި ބަލާލުމަކީ ދުވަހަކުވެސް ހިތުން ފިލައިގެން ދާނޭ ކަމެއް ނޫނެވެ.
"އަހަރެންގެ ދަރިފުޅު އަބޫދު އަހަންނަށް ބަލާލި. އޭނާ ހުރީ ވަރަށް ބިރުގަނެފައި. އޭނާ އަހަންނަށް ބަލާލީ 'އަހަރެން މަރުވަނީއޭ' ބުނާ ފަދަ ގޮތަކަށް. އޭނާ އެގޮތަށް އޮއްވާ ފެނުމުން އަހަރެން ބުނިން، 'އަހަރެންގެ ދަރިފުޅު މަރުވެއްޖެއޭ'. އެމީހުން ބުނީ އޭނާ ނޭވާލައޭ. އެކަމަކު އޭނާގެ މޫނުމަތިން ފެނުނު ބިރުވެރިކަމުގެ ސަބަބުން އަހަރެން ބުނިން ނޫނެކޭ. އޭނާ އަހަންނަށް ބަލާލާފައި 'މަންމާ' އޭ ބުނުމަށްފަހު ދުނިޔެ ދޫކުރީ."
އަމީނާ ވަނީ މި އަނިޔާވެރިކަމާ މެދު ސުވާލު އުފައްދައި، ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ. "އޭ ދުނިޔެއެވެ، އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއެވެ. އަހަރެންގެ ދަރިން ވަކިވެއްޖެއެވެ. އެކުދިން ކުރީ ކޮން ކުށެއް ހެއްޔެވެ؟" އޭނާ ސުވާލު ކުރިއެވެ.
އިސްރާއީލުން ދެ ދަރިން ޝަހީދުކޮށްލުމުން މަންމަ ހިތްފަޅައިގެން ގޮސްފައި، ފޮޓޯ: އަނަޑޯލު ނިއުސް
ކުދިންގެ މާމަ، އުއްމު އަޙްމަދު އާބިދު ބުނި ގޮތުގައި މި ހަމަލާ ދިނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެކުދިން ފޭލިގެ ކުރިމަތީގައި ތިއްބައެވެ. އޭނާ ބުނި ގޮތުގައި މިހާރު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމައެކަނި އޮޅުވާލުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުން ހިންގަމުންދާ މި ގަތުލުއާންމުގައި މިހާތަނަށް 21,000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އަދި 2025 ވަނަ އަހަރު ނިމޭއިރު ޣައްޒާގައި މަރުވާ މީހުންގެ 30 އިންސައްތައަކީ ކުޑަކުދިން ކަމަށް ލަފާކުރެވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 72,000 އަށްވުރެ ގިނަ މީހުން މަރުވެ، މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.


