ފަލަސްތީނަކީ މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަންނަން ރާއްޖެ އިން ގޮވާލައިފި
19 ޖުލައި 2026 - 03:51

ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާއި އެކު ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރަން ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން މިފަދައިން ގޮވާލާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި އދ. ގައި އުފައްދާފައިވާ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރުޕީޕީ) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން މިސްރުގައި އިއްޔެ ކުރިޔަށް ގެންދިޔަ ކޮންފަރެންސެއްގަ އެވެ.

Ad by Hajj Corporation
މި ކޮންފަރެންސްގައި ދަގުރީރު ކުރަމުން ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރު ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިޒަރޭލުން ކުރާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އިސްރާއިލްގެ ސަބަބުން ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރާ ހާލަތާ ބެހޭ ގޮތުން ވެސް ސަފީރު ވާހަކަފުޅު ދެއްކެވި އެވެ.
ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކައް ބާރުދިނުމުގެ ގޮތުން އެ އެޖެންސީ އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ސަފީރު ގޮވާލެއްވެވި އެވެ.
ސަފިރު ވިދާޅުވީ ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެގެންކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފަލަސްޠީނުގެ ހައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރާ ޤައުމެއް އަދި އޯ.އައި.ސީ.ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންނެވެ.


