ފަލަސްތީން- އިސްރާއީލް މައްސަލަ: ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރަށް މަރުހަބާ
31 ޖުލައި 2025 - 16:36

ފަލަސްތީން- އިސްރާއީލް މައްސަލަ: ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން ރައީސް މުޢިއްޒު ނެރުއްވި ރަސްމީ ބަޔާނުގައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އ.ދ ގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމަކީ އަޅުގަނޑުގެ ސަރުކާރުން މަރުޙަބާކިޔާކަމެއްކަމަށެވެ.
"ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަމަށެވެ.
1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.