މެސީ ރީޖެންގެ ދެވަނަ މެޗުގައި ތާޖުއަޅައި، ޔޫރަޕުގެ އެހެން ކުޅުންތެރިންނަށް ވަރުގަދަ މެސެޖެއް
31 ޖުލައި 2025 - 16:37

ބާސެލޯނާއިން ސިއޯލްއާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން މެޗުގައި 7-3 އިން މޮޅުވެއްޖެއެވެ. މިމެޗަކީ ލެޖެންޑަރީ މެސީގެ ނަންބަރު ލައިގެން ޔަމާލް ކުޅުނު ދެވަނަމެޗެވެ. މިމެޗުގައި ޔަމާލް ވަނީ ދެލަނޑުޖަހައި އޭނާގެ ކްރައުން ސެލެބްރޭޝަން އާއެކު ޔޫރަޕުގެ އެހެންކުޅުންތެރިންނަށް ވަރުގަދަ މެސެޖެއް ދީފައެވެ.
ސިއޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ޖެހީ ރޮބަޓް ލެވަންޑޯސްކީއެވެ. އަދިއޭގެ 6 މިނެޓު ފަހުން ޔަމާލް ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެއަށްފަހު ސިއޯލް އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވާއިރު، ފުރަތަމަ ހާފުގެ އިންޖުރީ ޓައިމްގައި ސިއޯލް އިންވަނީ ސްކޯ އެއްވަރުކޮށްފައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ޔަމާލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ބާސާގެ ލީޑު އަނބުރާ ހޯދައިދީފައެވެ. މިލަނޑާއެކު ޔަމާލް ވަނީ ގޯލު ސެލެބްރޭޝަންގައި އަމިއްޔަ އަށް ތާޖުއަޅާތަން ދައްކުވައިދޭ ސްލެބްރޭޝަނަކާއެކު ޔޫރަޕުގެ އެހެން ކުޅުންތެރިންނަށް ވަރުގަދަ މެސެޖެއް ދީފައެވެ.
ޔަމާލްގެ އިންސްޓަގްރާމް
ބާސެލޯނާގެ ލެޖެންޑަރީ 10 ނަންބަރާއެކު ޔަމާލް އަށް ބޮޑެތި ޕްރެޝަރާ ކުރިމަތިވެފައިވާކަމަށް ގިނަބަޔަކު ޤަބޫލުކުރިނަމަވެސް، ޔަމާލްގެ ސެލެބްރޭޝަނުން ދައްކުވައިދެނީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި މެސީ އަދި ރޮނާލްޑޯ ދޫކޮށްފައިދިޔަ ތަޚުތަށް އަރަން އޭނާ މިހާރު ތައްޔާރުވެފައިހުރިކަމެވެ. ޔަމާލް ވަނީ މެޗު ނިމުމަށްފަހު ކްރައުން ސެލެބްރޭޝަން (ކްރައުން އަކާއެކު) އޭނާގެ އިންސްޓަގްރާމްގައިވެސް ހިއްސާކޮށްފައެވެ. އިންޓަވިއުތަކުގައިވެސް ޖެހިލުމެއްނެތި ޚިޔާލު ފާޅުކުރަމުންގެންދާ 18 އަހަރުގެ ޔަމާލް ވަނީ މި ޕްރީ ސީޒަންގައި އޭނާގެ ހުނަރުވެރިކަން ދައްކާލުމާއެކު ކުރިއަށް އޮތް ސީޒަނަށް ރަނގަޅު އުއްމީދުތަކެއް ފެންނާނެ ކަމުގެ މެސެޖެެއް ދީފައެވެ.
މީގެ އިތުރުން މިސީޒަނުގެ ބާސެލޯނާގެ ޖޯޒީ ދައްކާލުމަށް ބޭއްވުނު އިވެންޓުގައިވެސް ޔަމާލް ވަނީ ވަރުގަދަ މެސެޖެއްދީފައެވެ.
"ފަސް އަހަރު ފަހުން އަހަރެންނަށް ވާނީ 22 އަހަރު. ބާސެލޯނާ އާއި މުޅި ދުނިޔެ ތައްޔާރުވާން ވެއްޖެ. އަހަރެން ވާނީ ކޮންޓްރޯލް ނުކުރެވޭ ވަރުގެ ކުޅުންތެރިއަކަށް," އޭނާ ބުންޏެވެ.
މިމެޗުގެ ދެވަނަ ހާފުގައި އެންޑްރެއަސް ކްރިސްޓެންސެން، ފެރާން ޓޯރެސް އަދި ގަވީވެސް ވަނީ ލަނޑު ޖަހާފައެވެ.
މިއަހަރުގެ ޕްރީ ސީޒަނުގައި ބާސެލޯނާއިން 4 މެޗު ކުޅެންހަމަޖެހިފައިވާއިރު، މިހާރު ވަނީ ދެމެޗު ކުޅެފައެވެ.