އެޗްޑީސީގެ ފުޅަނދު ދައްކާލުން މިއަދު ހަވީރު ސެންޓްރަލް ޕާކްގައި
2 އޯގަސްޓު 2025 - 05:27

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދަށް ލިބުނު ތަރުހީބާއި ގުޅިގެން ހުޅުމާލޭގައި މިއަދު ހަވީރު ފުޅަނދު ދައްކާލުމަށް އެކުންފުނިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ރާއްޖޭގެ މިނިވަން 60 ވަނަ ދުވަހާއި ގުޅިގެން ތައްޔާރުކުރި ފުޅަނދު ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ޖުލައި 28 ވަނަ ދުވަހުގެ ރޭވެސް ފުޅަނދު ދައްކާލަން ނިންމި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތް ކެންސަލްކުރި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ ފުޅަނދު ދައްކާލު ކުރިއަށްދާނީ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު 16:30 އިން 18:00 އަށް ކަމަށާއި، އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމަށެވެ. އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށެވެ. އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައި ކަމަށް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.