އެޗްޑީސީއާ ހަވާލުވީ ރައީސްގެ އެދިލެއްވުމަށް، ބޭނުންވީ ޚިދުމަތް ކުރަން: މައުރޫފް

އެޗްޑީސީގެ އެމްޑީގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައިވާ މަޢުރޫފް ޖަމީލް -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
09 ޖުލައި 2025 - 06:55
ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ، އެ ކުންފުނީގައި ޙާސިލްކުރަން ބޭނުންވި މުހިންމު ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައިވާ މަޢުރޫފް ޖަމީލު ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ އެމްޑީކަމުގެ މަގާމަށް، ތަޖުރީބާކާރު އަދި ހުޅުމާލެ އުފެއްދުމުގެ މަސައްކަތުގައި ޝާމިލުވެވަޑައިގެންނެވި މަޢުރޫފް ޖަމީލު އައްޔަނުކުރެއްވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެ މަގާމަށް އައްޔަނުކުރެވުނުތާ ގާތްގަޑަކަށް ހަތް މަސް ފަހުން، މައުރޫފް ވަނީ ރިޓަޔާކުރައްވަން ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ.
އެކަމާ ގުޅިގެން ދައުލަތުގެ މީޑިޔާއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މަޢުރޫފް ވިދާޅުވީ، އެޗްޑީސީއާ ހަވާލުވީ މާ ގިނަ ދުވަހު ޚިދުމަތްކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެ މަގާމާ ހަވާލުވީ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރެމެ، އެެ މަގާމަށް ޙަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވުމުން ކަމަށެވެ.
މަޢުުރޫފް ވިދާޅުވި ގޮތުގައި، އެ މަޤާމަށް ޙަވާލުވެވަޑައިގަތުމަށް ރައީސްގެ ދަޢުވަތު ލިބުނު އިރު ވެސް، ރިޓަޔާކުރައްވަން ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް އެ މަޤާމާ ހަވާލުވީ، އެފަދަ ފުރުސަތަކީ ތަފާތު ފުރުސަތަކަށްވެފައި، އެފަދަ ފުރުސަތެއް ދޫކޮށްނުލުމުގެ ވިސްނުމުގައި ކަމަށެވެ.
ހަވާލުވިއިރު ވެސް އެހާ ގިނަ ދުވަހު އެ މަގާމުގައި ހުރުމުގެ އިންޓްރެސްޓެއް ވެސް ނެތް. ކިތަންމެ ކުރު ނަމަވެސް މިކަމުގައި އުޅެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެކަން ގަބޫލުކޮށް މަގާމާ މި ހަވާލުވީ. މަގުސަދަކީ ރިޓަޔާ ކުރަން ކައިރިވެފައި ހުއްޓަސް ވެސް، ހަ މަސް ދުވަހުން ވެސް ޓާގެޓް ހާސިލް ވެދާނޭ، - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު
އެއާއެކު މަޢުރޫފް ވިދާޅުވީ، އެޗްޑީސީގެ އެމްޑީ ކަމުގެ މަގާމުން ދުރުވި ނަމަވެސް، އެ ކުންފުނީގެ އަދި ހުޅުމާލެ ތަރައްޤީގެ މަސައްކަތްތަކުން އެއްކޮށް ދުރަށް ދިޔުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އެގޮތުން އެޑްވައިޒަރެއްގެ ގޮތުގައި ނަމަވެސް، ހުޅުމާލޭގެ ތަރައްޤީއަށް އެހީތެރުވުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައި ވެސް މަޢުރޫފް ވިދާޅުވިއެވެ.
އަދި އެ މަޤާމުން ވަކިވަނީ އެ މަގާމުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުގެ ސަބަބުންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މަޢުރޫފް ވިދާޅުވީ އެ މަޤާމަކީ އޭގެ ޒާތުގައި ވެސް ވަރަށް ޕްރެޝަރު ބޮޑު މަޤާމެއްކަމަށާއި، އަންނަ ޕްރެޝަރަކީ މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ސަބަބުން އަންނަ ޕްރެޝަރު ކަމަށެވެ.
އެޗްޑީސީގް އެމްޑީގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައިވާ މަޢުރޫފް އަކީ ހުޅުމާލެ ތަރައްޤީކުރަން ފެށި ދުވަސްވަރު، އެކަމަށް އުފެއްދެވި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ހުޅުމާލޭގެ ތަރައްްޤީއަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެޗްޑީސީ އުފެދި، އެކުންފުނީގެ ސީއީއޯގެ ހައިސއްޔަތުންވެސް ހުޅުމާލޭގެ ތަރައްޤީއަށް އިސްކަންދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް މައުރޫފް ޖަމީލް ކުރެއްވިއެވެ. އޭގެފަހުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުގެ ހައިސިއްޔަތުންވެސް ހުޅުމާލޭގެ ތަރައްޤީއަށް އެމަނިކުފާނު ވަނީ މުހިންމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އިތުރު ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކިޔޮކްސްކް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
އަހަރެއް ކުރިން
ހުޅުމާާލޭގައި ޕާކިންއަށް ޚާއްސަ 12 ޢިމާރަތެއް އަޅަނީ
10 މަސް ކުރިން.jpg&w=3840&q=75)
ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ
10 މަސް ކުރިން