ފްލެޓުތަކުގެ ކުލިނުދައްކާ ފަރާތްތަކަށް ދެން ލޯނު ނަގަން ދަތިވާނެ
18 ޖުލައި 2025 - 06:17

ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކާ ގޮތުގެ މައުލޫމާތު މީގެ ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަށް އަޕްޑޭޓްވާން ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މަރުކަޒީ ބޭންކު (އެމް.އެމް.އޭ) ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި، ބައިވެރިވެފައިވާކަމަށެވެ. އެގޮތުން މާރިޗް 2025 އިން ފެށިގެން މިކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މަޢުލޫމާތު "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު" އާއެއްގޮތްވާގޮތުގެ މަތީން ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އަޕްޑޭޓްކުރެވެމުން އަންނަކަމުގައި އެޗްޑީސީން ބުނެއެވެ.
މިބަދަލާއެކު، އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން ނުވަތަ ރިސްޓްރަކްޗަރ ކުރުމުގެ ކުރިން، ނުވަތަ އާކުރުމުގެ ކުރިން، ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން ސިސްޓަމްގައިވާ މައުލޫމާތަށް ބިނާކޮށް މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވެލުއޭޓްކުރަމުން ގެންދާނެއެވެ.
އެހެންކަމުން، ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން މިކަމަށް ސަމާލުވެ، ގަވާއިދުން ފައިސާ ދައްކަވަމުން ގެންދިއުމަކީ މުހިއްމު ކަމެއްކަމުގައި އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބަދަލާ ގުޅިގެން، ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް އެހެން މާލީ އިދާރާތަކުން ކްރެޑިޓް ދޫކުރުމާއި، ލޯނު ރީސްޓްރަކްޗަރ ކުރުމާއި، ލޯނު އެއްބަސްވުން އާކުރުމާއި، ލޯނުގެ މުއްދަތު އިތުރުކުރުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ. މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ކްރެޑިޓް ރޭޓިންގ ދަށްވުމުގެ ފުރުސަތު އޮންނާނެއެވެ.
އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 894 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން 628 މިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއުގެ ފްލެޓުތަކުން ނުލިބިވާ ފައިސާއެވެ. މިއީ ޖުމުލަ ނުލިބިހުރި ފައިސާގެ 70 އިންސައްތައެވެ. އެޗްޑީސީން ބަލަހައްޓާ 8,511 ހައުސިންގ ޔުނިޓުގެ ތެރެއިން 60 އިންސައްތަ ފްލެޓުން ކުލި ނުދައްކާކަން ވަނީ ފާހަގަވެފައެވެ.