މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރާއްޖެ ވަޑައިގެންފި
2 އޯގަސްޓު 2025 - 06:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސްވިޒަލޭންޑަށް ކުރެއްވި ދަތުރު ނިންމާލުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މި ދަތުރަކީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދިޔަ 6 ވަނަ ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރަސް އޮފް ޕާލިމަންޓުގައި ބައިވެރިވުމަށް ކުރެއްވި ދަތުރެކެވެ.
އަބްދުއްރަހީމް އެ ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ ޣައްޒާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާއި އިތުރުވަމުން އަންނަ ނަހަމަކަމުގެ ސަބަބުން ގިނަ ފަހަރަށް އޭގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށްކަމަށެވެ. އަދި، ސުލްހަވެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަކާއި، އިންސާފުވެރިކަމާއެކު އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ކްލައިމެޓް އިމަރޖަންސީ ޤާނޫނާއި 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ ބޮޑު އަމާޒަށް ދިވެހިރާއްޖެ ކުރަމުންދާ ދަތުރު ފާހަގަކުރައްވައި، ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން އިތުރު އެހީތެރިކަމާއި ތާޢީދުދިނުމަށް ވެސް އަބްދުއްރަހީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
އެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް އަބްދުއްރަހީމް ސްވިޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.