ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

13 ޖެނުއަރީ 2025 - 09:50
ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ އިދާރައިން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މި ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައިކަމަށެވެ.
މި ޖަލްސާގެ އެޖެންޑާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ޢައްޔަންކުރެއްވުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މި ފަހުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ފައިވާ 4 ބޭފުޅުންގެ ނަންފުޅަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުން، އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނަށް 2 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ގޮތް ނިންމުމުގެ މައްސަލަ ހިމެނެއެވެ.
މީގެ އިތުުރުން، ކޮމިޓީތަކުން ހުށަހަޅަފައިވާ ކަންކަން މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ހިމެނެއެވެ. މިގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 2 މެންބަރުން ޢައްޔަންކުރެއްވުން، އަދި އިލެކްޝަންސް ކޮމިޝަނަށް 2 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް މިމަހު ބާއްވަން ނިންމާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުވަރީމަހުގެ 6 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ދައުރު އަހަރެއްގައި ތިން ބަޔަކަށް ބެހޭއިރު، ފުރަތަމަ ދައުރު އޮންނާނީ ފެބްރުއަރީ 1ވަނަ ދުވަހުން މެއިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ 1 ވަނަ ދުވަހުން އޮގަސްޓް 15ވަނަ ދުވަހުގެ ނިޔަލަށް ބާއްވަން ޖެހޭއިރު، ތިންވަނަ ދައުރު އޮކްޓޯބަރު 1 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ބާއްވަން ޖެހެ އެވެ.
އިތުރު ލިޔުންތައް

ކުންފުނިތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
9 މަސް ކުރިން
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށްއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފި.
8 މަސް ކުރިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާ އަށް ވަޑައިގަންނަވަނީ
6 މަސް ކުރިން