ކުންފުނިތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ފޮޓޯ--/ ޑރ. ރައީސް މުހައްމަދު މުޢިއްޒު

18 ސެޕްޓެމްބަރު 2024 - 14:42
ރާއްޖޭގެ ކުންފުނިތައް ހިންގުމާއި ބެހޭ ގާނޫނުގެ ދަށުން ހެދިފައި ހުރި ބައެއް ގަވާއިދުތަކަށް ގެންނަން ހުށައެޅި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޙާއްސަ ޖަލްސާއެއްގައެވެ.
މީގެ ކުރިން ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާތައް ބާއްވަން ކަނޑައެޅިފައިވާ މުހުލަތާއި ކުންފުނިތަކުގެ ބޯޑަށް ޑައިރެކްޓަރުން އައްޔަން ކުރުމަށް ގާނޫނޫގައި ކަނޑައަޅާފައިވާ މުހުލަތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރުއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.
މިބިލު ހުށައެޅުއްުވުމެގެ މައިގަނޑު ބޭނުމެއް ގޮތުގައި އިސްމާޢީލް ނިޒާރު ފާހަގަކުރެއްވީ ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލުތަކަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދީ، ކޯޕަރޭޓް ގަވާނެންސް ހަރުދަނާކޮށް، ސްޓޭކް ހޯލްޑަރުންނާއި ހިއްސާދާރުން އިތުރުކުރުން ކަމަށެވެ. ޖުުމްލަ 4 ގަޑިއިރު މިބިލަށް ބަހުސްކޮށްފައިވާއިރު މަޖިލީހަށް ހާޒިރުވި 93 މެންބަރުންގެ ތެރެއިން 77 މެންބަރުންވަނީ މި އިސްލާހުގެންނަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.
މިއަދު މިތަސްދީގު ކުރި ޤާނޫނަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު މަގްސަދަކީ، ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވި މައްސަލަ ހައްލުކުރުން ކަމަަށް މަޖީލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. ބޭންކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ސަރުކާރުން ބީއެމްއެލް އަށް އެކްސްޓްރާ އޯޑިނަރީ މީޓީންގ (އީޖީއެމް) އެއް ބޭއްވުމަށް އަންގާފައިވަނިކޮށް އެކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވާފައެވެ. ނާޒިމް ވިދާޅުވީ އިތުރު އީޖީއެމް އެއް ބޭއްވޭނީ އާ ސީއީއޯއެއް އައްޔަންކޮށްގެންކަމަށްވުމުން އަވަސް މުއްދަތެއްގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުންފުނިތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. އެސްޓީއޯ، އާއި ބީއެމްއެލް އަދި އެމްޓީސީސީ ފަދަ ކުންފުނިތަކަކީ ރައްޔިތުން ހިއްސާވާގޮތަށް އުފެދިފައި ހުރި ކުންފުނިތައް ކަމަށް ވުމުން އަވަސް މުއްދަތެއްގެ ތެރޭގައި އީޖީއެމް ތައް ބޭއްވުމުގެ މުހިއްމުކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އަހުމަދު ނާޒިމް
ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން އަދި ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް މިގާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް އެހެން ޤާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށް މި ގާނޫނޫގައި ވަނީ ބަޔާންވެފައެވެ. އަދި އެކުންފުންޏެއްގައި ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު ހަމަނުވާކަމުގެ މަޢުލޫމާތު ރަޖިސްޓްރާއަށް ލިބޭ ހިސާބުން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް ޑިރެކްޓަރުން ޢައްޔަންކުރުމަށް އެކުންފުންޏަށް އެނގުމުގެ ބާރު ރަޖިސްޓްރާއަށް ޤާނޫނުން ލިބިދެއެވެ.
މީގެކުރިން ޑިރެކްޓަރުން ޢައްޔަންކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައި އޮތްނަމަވެސް އަލަށް ގެނައި އިސްލާޙުގައިވަނީ މިމުއްދަތު 10 ދުވަހަށް އިސްލާހުކޮށްފައެވެ. ޑިރެކްޓަރުންގެ މަޢުލޫމާތާއި ޢައްޔަންކުރަންޖެހުނު ސަބަބު ބަޔާންކުރާ ޤަރާރާއި ޑިރެކްޓަރުކަމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށް ބަޔާންކޮށް، ނޯޓަރައިޒްކޮށްފައިވާ އިޤުރާރު، ރަޖިސްޓްރާއަށް އެ 10 ދުވަހުގެ ތެރޭގައި ހުށައަޅަންޖެހޭގޮތަށްވަނީ އިސްލާޙުކޮށްފައެވެ. މީގެ އިތުރަށް ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާގެ ދަޢުވަތު ދިނުމަށް އޮތް މުއްދަތަށް އައު އިސްލާހެއް ގެނެސް މިހާރު ވާނީ 3 ދުވަހުގެ މުހުލަތަށް ކުރުކޮށްފައެވެ.
އިތުރު ލިޔުންތައް

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށްއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފި.
9 މަސް ކުރިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާ އަށް ވަޑައިގަންނަވަނީ
7 މަސް ކުރިން
ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު
6 މަސް ކުރިން