ބޭރުގައި ކިޔަވާ ދަރިވަރުންގެ ފީ އާއި ޚަރަދުތަކަށް ޑޮލަރުގެ އެހީތެރިކަން ދެނީ
2 އޯގަސްޓު 2025 - 08:17

ސަރުކާރުގެ ޓާޝަރީ ލޯނުތަކުގައި ކިޔަވާ ދަރިވަރުންނަށާއި، އޭލެވެލް އަދި އެއަށްވުރެ މަތީ ސަނަދެއް ހާސިލްކުރާ ޕްރައިވެޓް ފަންޑުން ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ އާއި މަހުން މަހަށް ސްޓައިޕެންޑް/އެކޮމޮޑޭޝަން ކަވަރުކުރުމަށް ޑޮލަރުގެ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް މިހާރު ބޭރުގެ ޚަރަދުގެ ލިމިޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 1200 ޑޮލަރެވެ.

Ad by Hajj Corporation
ސިއްޙީ ކަންކަމާއި ތައުލީމަށް ޚާއްޞަކޮށްގެން އެމެރިކާ ޑޮލަރު ދޫކުރުމުގައި ލުއިގޮތްތަކެއް ކަނޑައަޅާއި ދޫކުރާ އަދަދު އެ ބޭންކުން ވަނީ ދާދި ފަހުން އިތުރުކޮށްފައެވެ.
ދިވެހި ބޭންކުން ބުނެފައި ވަނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ، އެ ކުއްޖަކު ކިޔަވާ ޔުނިވާސިޓީ އަށް ނުވަތަ މަތީ ތައުލީމު ދޭ މުއައްސަސާ އަކަށް ޓެލެގްރިފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ދެއްކޭނެ ކަމަށެވެ. ފީ ދައްކާއިރު، ފީގެ ސްޓްރަކްޗާ ނުވަތަ އެންމެ ފަހުގެ އިންވޮއިސްއާއި ދަރިވަރުގެ ނަމާއި، ޔުނިވަރސިޓީގެ ނަމާއި، އެޑްރެހާއި، ބޭންކިންގ ތަފްޞީލާއި، ދައްކަންޖެހޭ ޢަދަދާއި، ތަޢުލީމު ޙާޞިލުކުރަމުންދާ މިންވަރު ސާފުކޮށް ބަޔާންކުރާ އިންވޮއިސް ނުވަތަ ލިޔުން ބޭނުންވާނެ ކަމަށް ދިވެހި ބޭންކުން ބުނެފައިވެއެވެ.
ސްޓައިޕެންޑް ނުވަތަ އެކޮމޮޑޭޝަން ފީ ވެސް ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރުކޮށް ސީދާ ކިޔަވާ ގައުމުގައި ހުންނަ ދަރިވަރުގެ ބޭންކް އެކައުންޓަށް ފައިސާ ފޮނުވޭނެ ކަމަށް ދިވެހި ބޭންކުން ބުނެފައިވެއެވެ.
ސްޓައިޕެންޑްގެ ގޮތުގައި ދޭ އަދަދު އެކި ގައުމުތަކަށް ތަފާތެވެވެ. ދިވެހި ބޭންކުން ބުނީ، އެޑްވާންސްކޮށް 3 މަސް ދުވަހާ ހަމައަށް އެޑްވާންސް ސްޓައިޕެންޑް ފައިސާ ދެއްކޭނެ ކަމަށާއި އަދި 3 މަސް ދުވަހަށް ފައިސާ ދެއްކުމަށް އެދިއްޖެނަމަ ކުރިއަށް އޮތް 2 މަސް ދުވަހުގެ ސްޓައިޕެންޑް ޕޭމަންޓަށް ލުޔެއް ނުލިބޭނެ ކަމަށެވެ.
އަލަށް ކިޔަވާ ދަރިވަރުންނަށް ފުރުމުގެ 1 މަސް ކުރިން ސްޓައިޕެންޑެއް ދެވޭނެ ކަމަށާއި މި ސްޓައިޕެންޑް ނަގުދު ފައިސާގެ ގޮތުގައި ޑޮލަރުން ނުވަތަ ދަރިވަރުގެ ޑޮލަރު އެކައުންޓަށް ނުވަތަ ކާޑަށް ޖަމާކޮށްދޭނެ ކަމަށް ދިވެހި ބޭންކުން ބުނެއެވެ. އަދި އޭގެ ފަހުން ސްޓައިޕެންޑް ޕޭމަންޓް ޓީޓީ މެދުވެރިކޮށް ކިޔަވާ ގައުމުގައި ހުންނަ ދަރިވަރުގެ ބޭންކް އެކައުންޓަށް ފޮނުވޭނެ ކަމަށާއި މިގޮތަށް ޑޮލަރު ފޮނުވާއިރު، އެންރޯލްމަންޓް ލިޔުންތަކުގެ ތެރޭގައި ހިމެނޭ ދަރިވަރުގެ ތަފްސީލާއި ތައުލީމީ ފެންވަރާއި ޕްރޮގްރާމުގެ މުއްދަތު އަދި ސައްޙަ ވިސާ ހިމަނަން ޖެހެއެވެ.
ޓެނެންސީ އެގްރީމެންޓެއްގެ ދަށުން އެކޮމޮޑޭޝަން ޕޭމަންޓް ދައްކަން ޖެހޭނަމަ، ޓެނެންސީ އެގްރީމެންޓާއި ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުން، ގިނަވެގެން 12 މަސް ދުވަހުގެ އެކޮމޮޑޭޝަން ފީ ބެސް ހަމަޖައްސައިދޭން ދިވެހި ބޭންކުން ވަނީ ނިންމާފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ސްޓެއިޕެންޑް ރޭޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދޭ ފައިސާ 12 މަސް ދުވަހަށް ސްޓައިޕެންޑް ގެ އަދަދަށް ލިމިޓް ކުރެވޭނެ ކަމަށާއި މި ހާލަތްތަކުގައި އިތުރު މަސްތަކަށް ސްޓައިޕެންޑް ރިކުއެސްޓް ޕްރޮސެސް ނުކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ. ޓެނެންސީ އެގްރީމެންޓާ އެއްގޮތަށް ސީދާ އެކޮމޮޑޭޝަން ފޯރުކޮށްދޭ ފަރާތުގެ އެކައުންޓަށް ފައިސާ ދެއްކޭނެ ކަމަށާއި އެކަމަށް ބޭނުންވަނީ، އެންރޯލްމަންޓް ލިޔުންތަކުގެ ތެރޭގައި ހިމެނޭ ދަރިވަރުންގެ ތަފްސީލާއި ތައުލީމީ ފެންވަރާއި ކިޔެވުމުގެ މުއްދަތު ހިމެނެއެވެ. އަދި ސައްހަ ސްޓޫޑެންޓް ވިސާގެ އިތުރުން ޓެނެންސީ އެގްރީމެންޓްވެސް ހުށައަޅަން ޖެހެއެވެ.