ކުރިޔަށް އޮތް ހަފްތާގައިވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް
2 އޯގަސްޓު 2025 - 11:50

ކުރިއަށް އޮތް ހަފްތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާގެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެންދުރު ޓީވީ އަށް މައުލޫމާތު ދެމުން މޫސުމާގެހޭ ގައުމީ އިދާރާ އިން ބުނީ، ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި، މި 4 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށާއި، މީގެ އިތުރުން އަންގާރަ، ބުދަ އަދި ބުރާސްފަތި، މި 3 ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation
ވައި ބާރުވާނެކަމަށް ލަފާކޮށް އުތުރާ މެދުރާއްޖެތެރޭގެ ހުރިހާ އަތޮޅަކަށް މިއަދު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި އާންމުގޮތެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށާއި އެގޮތުން ރާޅުގެ އުސްމިން ހުންނާނީ 5-7 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ވައި ގަދަވާނެތީ ސަމާލު ނެރެފަވަނީ ހއ.އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ. މޫސުމާބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެކަމަށެވެ.
ނިމުނު ހަފްތާއަކީ ވައިގަދަވެ ވިއްސާރަކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށްވެސް މޫސުން ގޯސް ހަފްތާއެކެވެ. ވޭތުވެދިޔަ ހަފްތާގަވެސް އާދަޔާ ހިލާފަ ވައި ގަދަވެ، އުދަ އެރުމާ އަދި ބައެއް ގެއްލުންތައް ލިބިފަވެއެވެ. އަދި ކަނޑުމަތީގެ ނުރައްކާތެރި ބައެއް ހާދިސާތައްވެސް ވަނީ ހިނގާފަވެއެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެއް ކަމުން، ކަނޑު ދަތުރުފަތުރު ކުރާފަރާތް ތަކުން މޫސުމަށް ހާއްސަ ސަމާލުކަންދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.