ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
30 އޯގަސްޓު 2025 - 06:11

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.
މެޓުން ބުނީ ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.

Ad by Hajj Corporation
ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ.
މެޓުން ބުނެފައިވަނީ މެދު ރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.