މެމްބަރު ކުޑޫއަށް ނ.އަތޮޅު ކައުންސިލުން ހަނދާންކޮށްދިނީ އެމްޑީޕީން ފަޅުރަށްތައް ވިއްކާލާފައިވާކަން

2 އޯގަސްޓު 2025 - 14:19

ފަންގިވިނުމާއި ރޯނުވެށުމުގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ނ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއަކަށް ޖަވާބު ދެމުން، އެމްޑީޕީގެ ސަރުކާރުން އެ އަތޮޅު ފަޅުރަށްތައް ވިއްކާލާފައިވާ ކަމަށްބުނެ އެ ކައުންސިލުން ފާޑުކިޔައިފިއެވެ.
މެންބަރު ކުޑޫ ފޮނުވި ސިޓީގައި އެދިވަޑައިގެންފައިވަނީ އެ އަތޮޅުގައި ފަންގިވިނާ އަދި ރޯނުވަށާ ރަށްތަކުގެ މަޢުލޫމާތާއި، އެ މަސައްކަތްތަކުގައި ހުރި މައިގަނޑު ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ހޯއްދަވަން ކަމަށް ބަޔާންކުރައްވައެވެ. ނަމަވެސް، ނ. އަތޮޅު ކައުންސިލުން މި ސިޓީއަށް ދެއްވި ޖަވާބުގައި ވަނީ އެމްޑީޕީގެ ސަރުކާރުން ފަޅުރަށްތައް ވިއްކާލުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް އިޝާރާތްކުރައްވާފައެވެ.
"ފަނާއި ރޯނަކީ ދިވެހި ރުކުން ލިބޭ ތަކެތީގެ އުފެއްދުންތަކެވެ. ފަނާއި ބޮނބި ހޯދަނީ ފަޅުރަށްރަށުންނެވެ. ހުރިހާ ފަޅުރަށްތަކެއް އެމްޑީޕީގެ ސަރުކާރުން ވިއްކާތީ، ހުއްޓާލަން އެދުނީ މިފަދަ ވަސީލަތްތައް ރައްޔިތުންނަށް ގެއްލިދާނެތީއެވެ،" ކައުންސިލުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އަތޮޅު ކައުންސިލުން އިތުރަށް ފާހަގަކުރައްވާފައިވަނީ ފަޅުރަށްތައް ވިއްކާލާފައިވަނީ ވަގަށް ސިއްރުން ކަމަށާއި، އެ ރަށްތަކުގައި ހުރި ރުއްގަހުގެ އަދަދާއި، އެ ރަށްތަކުން މަންފާ ލިބެމުންދިޔަ ރައްޔިތުންގެ އަދަދު ބެލުމެއްނެތި ކަމަށެވެ. އަދި މެންބަރު ކުޑޫއަށް ވަނީ އެމްޑީޕީގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ޕާޓީގެ ސިޔާސަތުތަކާމެދު ސުވާލު އުފައްދަވާފައެވެ.