ގަރްނަޗޯ ޗެލްސީއަށް ބަދަލުވުމަށް ހޭވައްލާ ތައްޔާރު! ޗެލްސީއިން ބިޑުކުރަނީ
3 އޯގަސްޓު 2025 - 09:41

މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ތަރި އަލެހާންޑްރޯ ގަރްނާޗޯ ޗެލްސީއަށް ބަދަލުވުމަށް ފުރިހަމައަށް ތައްޔާރަށް ހުރިކަމަށް ފެބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފިއެވެ. އަދި ޗެލްސީ ގަރްނާޗޯގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި މައްސަލައިގައި ކުޅުންތެރިޔާއާއި އޭނާގެ އޭޖެންޓުންނާ ދެމެދު މަޝްވަރާތައް ފެށިފައިވާ ކަމަށާއި، އެއްބަސްވުމަކަށް އާދެވިދާނެތޯ ބެލުމަށް ދެފަރާތުން މަސައްކަތްކުރަމުންދާ ކަމަށް ވެއެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑާ އެކު އަދި ވަނީ ރަސްމީ މަޝްވަރާތަކެއް ނުފެށިއެވެ.
ޔުނައިޓެޑްގެ އެންމެ އުއްމީދީ ޒުވާން ކުޅުންތެރިންގެ ތެރެއިން އެކަކު ކަމަށްވާ ގަރްނާޗޯ ދޫކޮށްލުމަށް ޔުނައިޓެޑުން ފަސޭހައިން އެއްބަސްވާނެ ކަމަކަށް ނުބެލެވެއެވެ. އަދި މި މައްސަލައިގައި ގިނަ ކަންކަން ބިނާވެގެންދާނީ ޔުނައިޓެޑުން ކުޅުންތެރިޔާއަށް ކަނޑައަޅާ އަގެއްގެ މައްޗަށެވެ.
މި ޓްރާންސްފަރ ވަގުތުން ނިމިގެންދާނެ ކަމަކަށް ނުބެލެވެއެވެ. މިވަގުތު ޗެލްސީގެ އިސްކަމެއް ދެނީ ކްލަބުން ބައެއް ކުޅުންތެރިން ދޫކޮށްލުމަށާއި، ޒާވީ ސިމޯންސް ގެނައުމުގެ މަސައްކަތަށެވެ. ސިމޯންސްއަކީވެސް ޗެލްސީން މިވަގުތު އެންމެ ބޮޑު އިސްކަމެއްދޭ ކުޅުންތެރިންގެ ތެރެއިން އެކެކެވެ.
މިހާތަނަށް ގަރްނާޗޯ ވަނީ ސްޓެމްފޯޑް ބްރިޖަށް ބަދަލުވުމަކީ އޭނާގެ އެދުމެއްކަން ސާފުކޮށް ހާމަކޮށްފައެވެ. ނަމަވެސް ދެކުލަބުގެ ދެމެދުގައިވާ ހަތުރުވެރިކަމާއި އެކު ދެކުލަބުން އެއްބަސްވެވޭނެ އަގަކަށް ވާސިލުވެ، ޔުނައިޓެޑް ދޫކޮށް ޗެލްސީއަށް ބަދަލުވުމަކީ ދުރުގައިވާކަމެއްކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ.