ބާސާއިން ކަނޑައަޅާ ދުވަހަށްވުރެ އަވަހަށް ސްޓެގެން އެނބުރިއަތުވެއްޖެނަމަ ލަލީގާއިން ބޮޑު ޖޫރިމަނާއެއްކުރަނީ
4 އޯގަސްޓު 2025 - 03:39

ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންޑްރޭ ޓަރ ސްޓެގެން އަނިޔާގެ ސަބަބުން ލަ ލީގާގެ މެޑިކަލް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އަވަހަށް ދަނޑަށް އެނބުރި އަތުވެއްޖެނަމަ، ބާސެލޯނާއަށް 28.8 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކުރިމަތިވެދާނެ ކަމަށް ވަނީ ހާމަވެފައެވެ.
ޓަރ ސްޓެގެންގެ އަނިޔާއާއެކު ދިގު މުއްދަތަކަށް ކުލުމުން ބޭރުގައި ހުންނަންޖެހިފައިވުމުން، ކުލަބުން މިވަގުތު ވިސްނަމުންދަނީ އޭނާގެ ބަދަލުގައި އިތުރު ގޯލްކީޕަރެއް - ޖޯން ގާސިއާ - ރަޖިސްޓްރީ ކުރުމަށެވެ. ނަމަވެސް ލަ ލީގާގެ ގަވާއިދުތަކުގައި މިފަދަ ހާލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ލީގުގެ މާލީ ގަވާއިދުގެ 107 ވަނަ މާއްދާގެ ދަށުން، ޓީމުގެ ކުޅުންތެރިއަކު މަދުވެގެން ހަތަރު މަސްދުވަހަށް ނުކުޅެވޭ ކަމަށް ކަނޑައެޅިއްޖެނަމަ، އެ ކުޅުންތެރިއެއްގެ ބަދަލުގައި އައު ކުޅުންތެރިއަކު ރަޖިސްޓްރީ ކުރުމަށް މުސާރައިގެ އިމުން އިތުރަށް ހޭދަކުރުމުގެ ހުއްދަ ދެވެއެވެ.
ޓަރ ސްޓެގެންގެ އަހަރީ މުސާރައަކީ 12 މިލިއަން ޔޫރޯއެވެ. އޭނާގެ ބަދަލުގައި އަންނަ ކުޅުންތެރިއަކަށް، އޭނާގެ މުސާރައިގެ 50 އިންސައްތަ ނުވަތަ 80 އިންސައްތަ ބޭނުންކުރެވިދާނެއެވެ. މެޑިކަލް ކޮމިޝަނުން ކަނޑައަޅާ މުއްދަތަކީ ހަތަރު މަސްދުވަސް ނަމަ، 4.8 މިލިއަން ޔޫރޯ (50 އިންސައްތަ) އަދި ފަސް މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްނަމަ 9.6 މިލިއަން ޔޫރޯ (80 އިންސައްތަ) ބޭނުންކުރެވޭނެއެވެ.
ނަމަވެސް، ކަނޑައެޅޭ މުއްދަތަށްވުރެ އަވަހަށް ޓަރ ސްޓެގެން އެނބުރި އަތުވެއްޖެނަމަ، ބޮޑު ޖޫރިމަނާއަކާ ކުލަބު ކުރިމަތިލާންޖެހޭނެއެވެ. 50 އިންސައްތައިގެ ލުޔެއް ލިބިގެން އަވަހަށް އަތުވެއްޖެނަމަ 14.4 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް - ބޭނުންކުރެވުނު އަދަދުގެ ތިން ގުނަ - އަދި 80 އިންސައްތައިގެ ލުޔެއް ލިބިގެން އަވަހަށް އަތުވެއްޖެނަމަ 28.8 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.
މިހާރު މި މައްސަލައިގެ ނިމުން ބިނާވެފައިވަނީ ބާސެލޯނާއިން ހުށަހަޅާ މެޑިކަލް ރިޕޯޓާއި ލަ ލީގާގެ މެޑިކަލް ކޮމިޝަނުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. މީގެކުރިން ސްޓެގެން ވަނީ އަމިއްލައަށް އޭނާގެ އަނިޔާގެ މުއްދަތަކީ ތިން މަސްކަމުގައި މީސްމީޑިޔާގައި ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ބާސެލޯނާއާއި ދެމެދު އުފެދުނު ނުތަނަވަސްކަމަށްފަހު އަދިވެސް ބާސެލޯނާ ބޭނުންވަނީ ސްޓްގެންގެ މުސާރައިން ހުސްވާބައި އައު ކުޅުންތެރިން ރެޖިސްޓްރީކުރުމުގައި ބޭނުންކުރާށެވެ. އެހެންކަމުން މިމައްސަލައިގައި ބާސެލޯނާއިން ކަނޑައަޅާ މުއްދަތަށްވުރެ އަވަހަށް ސްޓެގެން އެނބުރި އަތުވެއްޖެނަމަ ބާސެލޯނާ ބޮޑު އަދަދަކުން ޖޫރިމަނާއެއް އަތުވެދާނެއެވެ.