އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
4 އޯގަސްޓު 2025 - 11:47

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަަފަނޑިޔާރުގެ މަގާމަށް އައްޔަަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އުއްތަމަފަަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މަގާމުން ރިޓަޔާކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ޣަނީއާއި ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން އުއްތަމަފަނޑިޔާރުގެ މަގާމަށް ޣަނީ ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ލަފާ ދިނުމާ ގުޅިގެން ރައީސް އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމުން، ނަންފުޅު ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޣަނީ އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.
އަބްދުލްޣަނީ މުހައްމަދަކީ ޝަރުޢީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނަކީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންފުޅެއް މަޖިލީހުން ފާސްވުމުންނެވެ.