ކޮންމެހެން ކުރަންޖެހޭ ދަތުރެއްނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި
5 އޯގަސްޓު 2025 - 04:18

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ވަނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށާއި، ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިންވަނީ އިލްތިމާސްކޮށްފައެވެ.

ވަކިން ހާއްސަކޮށް ރޭގަނޑު ދަތުރު ނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށްވެސް އެމްއެންޑީއެފްއިންވަނީ ނަސޭހަތްތެރިވެފައެވެ.
މުޅި ރާއްޖޭގެ މޫސުމަށް ބަލާއިރު ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ބުނީ ހުޅަނގާއި، ހުޅަނގު އުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެވްރެޖުކޮށް 15 މޭލާއި 25 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި މިގޮތަށް ބުރާސްފަތި ދުވާހާއި ހަމައަށް ވައި ދަމަހައްޓާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރުކުރައްވާ ފަރާްތަކުން ސަމާލުވުމަށް
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.