ކައުންސިލްތަކުގެ މާލީ ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހް ފާސްކޮށްފި
6 އޯގަސްޓު 2025 - 09:32

ކައުންސިލްތަކުގެ މާލީ ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހަޅި ބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން އެވެ.

Ad by Hajj Corporation
ކޮމިޓީ މަރުހަލާގައި މާ ގިނަ ބަދަލުތަކެއް ނުގެނެސް މިބިލު މިއަދު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މި ބިލުގައި ބުނެފައި ވާގޮތުން، ލޯކަލް ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ހަނި ކުރެވޭ ގޮތަށްވަނީ ހުށަހަޅައިފަ އެވެ.
އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ. އެގޮތުން އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ބިލުގައިވަނީ ބަޔާން ކޮށްފައެވެ.
މީގެ އިތުރުން ބިލުގައި ވަނީ، ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާ އެއްގޮތް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ.
އެގޮތުން ކައުންސިލްގެ އިގްތިސޯދުތަކުގައި ހުންނަ ފަޅު ފަޅާއި، ބިން ތަކުގެ އިތުރުން ފަރުތައް ކުއްޔަށް ނުދެވޭނެ އެވެ. އަދި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. މީގެ އިތުރުން، ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.
މި ބިލު ފާސްކުރިއިރު މި ބިލު ފާސްނުކޮށް، އަނބުރާ ގެންދިޔުމަށް ބައެއް ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި ބިލު ފާސްކުރުމަކީ ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވައިލުން ކަމަށް ބުނެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.
މިހާރު ހިނގަމުން ދަނީ ލޯކަލް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރެވެ. އަންނަ އަހަރު އޭޕްރީލްގައި ކައުންސިލްތަކުގެ އިންތިހާބު އޮންނާނެ އެވެ.