ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން އިސްކަންދޭ: ވަޒީރު އާދަމް ޝަރީފު
7 އޯގަސްޓު 2025 - 04:06

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމު ޝަރީފް މިހެން ވިދާޅުވީ ކައުންސިލްތަކުގެ މާލީ ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު އިއްޔެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑިކިޔުންތަކަށް އިޝާރަތްކުރައްވައެވެ.

Ad by Hajj Corporation
އެގޮތުން "އެކްސް" ކުރެއްވި ޕޯސްޓްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ މައިގަނޑު އެއް އަމާޒަކީ ކައުންސިލްތަކަށް ޙަޤީޤީ ބާރުތައްދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެދުން ކަމަށެވެ.
އެހެންކަމުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ފަޅުރަށްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ދެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ކަންކަން ނިންމަވައި ދެއްވުމަކީ މި ސަރުކާރުން ގެންގުޅޭ އާންމު ސިޔާސަތު ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ކައުންސިލްތަކުން ހުށަހަޅައި ބަދަލުތައް ގެނެސްދިނުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކުގެ ހެތްކެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީރާނާވެ، ބޭނުންނުކުރެވޭ ޙާލަތަށް ގޮސްފައިވާ 105 ކައުންސިލް އިދާރާ އަލުން އިމާރާތްކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ ކައުންސިލްތަކަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދީ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.
ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމާއެކު، އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއްކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ވަޒީރު އެފަދައިން ވިދާޅުވިއިރު، އިއްޔެ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުގައި ވާ ގޮތުން، ލޯކަލް ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ހަނި ކުރެވޭ ގޮތަށްވަނީ ހުށަހަޅައިފަ އެވެ. އަދި އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެއިރު، އެފަދަ މަސައްކަތެއްގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ބިލުގައިވަނީ ބަޔާން ކޮށްފައެވެ.
މީގެ އިތުރުން ބިލުގައި ވަނީ، ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާ އެއްގޮތް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި ކައުންސިލްގެ އިގްތިސޯދުތަކުގައި ހުންނަ ފަޅު ފަޅާއި، ބިން ތަކުގެ އިތުރުން ފަރުތައް ކުއްޔަށް ނުދެވޭނެ އެވެ. އަދި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. މީގެ އިތުރުން، ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.