މެދުއިރުމަތީގެ ހުރިހާ ގައުމަކުން އިސްރާއީލާ ގުޅުން ގާއިމުކުރުމަށް ގޮވާލައިފި
7 އޯގަސްޓު 2025 - 13:44

މެދުއިރުމަތީގެ ހުރިހާ ގައުމުތަކަކުން އިސްރާއީލާ ގުޅުން ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފިއެވެ.
ޣައްޒާ މައްސަލައިގައި ދެފުށްދެގޮތް ސަިޔާސަތެއް ގެންގުޅޭ ޓްރަމްޕްވަނީ، މެދުއިރުމަތީގެ ހުރިހާ ޤައުމުތަކަށް އިސްރާއީލާ ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރުމަށް މަގުފަހިކޮށްދޭ އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަށް ގޮވާލާފައެވެ.

Ad by Hajj Corporation
ޓްރަމްޕް ބުނީ އިރާނުގެ ނިއުކުލިއަރ ބާރު މުޅިން ނައްތާލެވިފައިވާކަމަށާއި މި ދަނޑިވަޅަކީ މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމުތައް އިސްރާއީލާ ބައިއަތު ހިފަންވީ ވަގުތުކަމަށެވެ.
އަބްރަހަމް އެކޯޑްސްއަކީ ޓްރަމްޕްގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުތަކުގައި ސޮއިކުރެވިފައިވާ އެއްބަސްވުންތަކެކެވެ. އެމެރިކާގެ ބާރާއި ނުފޫޒުގައިޖެހި މުސްލިމް އާބާދީގެ ބޮޑު ހަތަރު ޤައުމު ކަމަށްވާ ބަޙްރެއިން، ޔޫނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)، މޮރޮކޯ އަދި ސޫދާނުން ވަނީ އިސްރާއީލާއެކު ސިޔާސީ ގުޅުންތައް ގާއިމުކޮށްފައެވެ.
ނަމަވެސް އިސްލާމީ ދައުލަތްތަކުގެ ތެރޭގައި ހިމެނޭ ސަޢޫދީ ޢަރަބިއްޔާއާއި އެހެން ބައެއް ޢަރަބި ދައުލަތްތަކުން ވަނީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުގެ ކުރިން ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ހުށަހަޅާފައެވެ.
ޓްރަމްޕް މިފަދައިން ގޮވާލިއިރު ޣައްޒާގެ ރައްޔިތުން އަޅުވެތިކުރުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ނިންމާފައެވެ.