ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަން އޮސްޓްރޭލިއާއިން އިއުލާންކޮށްފި

11 އޯގަސްޓު 2025 - 05:40

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް މިއަދު ވަނީ އެ ގައުމުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަން ޢިއުލާން ކުރަށްވާފައެވެ.
މިކަން އޭނާ އިއުލާންކުރައްވާފައިވަނީ ކެބިނެޓް ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
އަލްބަނީޒް ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ސެޕްޓެމްބަރުގައި އދ.ގެ ޖެނެރަލް އެސެމްބްލީގައި ރަސްމީކޮށް އިއުލާންކުރާނެއެވެ.
މި ބަލައިގަތުން ބިނާވެފައިވަނީ ފަލަސްތީނު އޮތޯރިޓީން އޮސްޓްރޭލިއާއަށް ދީފައިވާ ޔަގީންކަންތަކެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ދައުލަތުގެ ހައްލަކީ މެދުއިރުމަތީގައި ހިނގަމުންދާ އަނިޔާވެރިކަމުގެ ސައިކަލް ހުއްޓުވުމަށާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި، ވޭނާއި، ބަނޑުހައިހޫނުކަން ނިމުމަކަށް ގެނައުމަށް އިންސާނިއްޔަތުގެ އެންމެ ރަނގަޅު އުއްމީދު" ކަމަށް އަލްބަނީޒް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޣައްޒާގެ ހާލަތު ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ބިރުވެރިކަމަށްވުރެވެސް ފަހަނައަޅާ ގޮސްފައެވެ. އަދި އިޒްރޭލްގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުން ދާކަމަށާއި، ކުޑަކުދިން ހިމެނޭ ގޮތަށް ނިކަމެތި ރައްޔިތުންނަށް އެކަށީގެންވާ އެހީއާއި، ކާނާއާއި، ފެން ފޯރުކޮށްދިނުން މަނާކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ މި ނިންމުން އައިސްފައި ވަނީ ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި އަދި ކެނެޑާގެ ލީޑަރުންވެސް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް އިއުލާންކޮށްފައިވަނިކޮށެވެ.