ޣައްޒާގެ ހާލަތު ދުނިޔެއަށް ފޯރުކޮށްދޭ އިސް ނޫސްވެރިންތަކެއް ޝަހީދުކޮށްލައިފި

11 އޯގަސްޓު 2025 - 04:05

އަލް ޖަޒީރާގެ ނޫސްވެރިޔާ އަނަސް އައް-ޝަރީފް އާއި އޭނާގެ 4 އެކުވެރިން ޣައްޒާ ސިޓީގައި ނޫސްވެރިން ތިބި ޓެންޓަކަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުރި ޓެންޓަށް ދިން ހަމަލާގައި 7 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި އަނަސްގެ އިތުރުން އަލް ޖަޒީރާގެ ރިޕޯޓަރު މުޙައްމަދު ޤުރެއިޤާ އަދި ކެމެރާމަނުން ކަމުގައިވާ އިބްރާހީމް ޒާހިރު، މުޙައްމަދު ނޯފަލް އަދި މުއުމިން އަލިވާ ހިމެނެއެވެ.

Ad by Hajj Corporation
މި ނޫސްވެރިން ޝަހީދުކޮށްލުމާ ގުޅިގެން އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަލްޖަޒީރާއިން ބުނެފައިވަނީ މިއީ އިސްރާއީލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ސީދާ އަމާޒުކޮށް ދިން އިތުރު ހަމަލާއެއް ކަމަށެވެ.
އިސްރާއީލުން ނެރުނު ބަޔާނެއްގައި، އެމީހުންގެ ކުށްތައް ޤަބޫލުކުރަމުން، ނޫސްވެރިންނަށް ހަމަލާދީފައިވަނީ ޣައްޒާގެ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ކުރިމަތީގައި އެމީހުން ތިބި ޓެންޓަށް ސީދާ އަމާޒުކޮށްގެން ކަމަށް އެ ފަރާތުން ބުނެފައިވާކަމަށް އަލްޖަޒީރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ޣައްޒާގެ އެންމެ ހިތްވަރުގަދަ ނޫސްވެރިންގެ ތެރެއިން އެކަކު ކަމުގައިވާ އަނަސް އަލް ޝަރީފް އަދި އޭނާގެ އެކުވެރިން ޝަހީދުކޮށްލަން އަމުރުކުރީ، ޣައްޒާ ހިފައި އޮކިއުޕައިކުރުމަށް ކުރަމުންދާ މަސައްކަތް ހާމަކުރަމުންދާ އަޑުތައް ކަނޑުވާލަން އިސްރާއީލުން ކުރާ ނާކާމިޔާބު މަސައްކަތެއްގެ ގޮތުގައި" އަލްޖަޒީރާގެ ބަޔާނުގައި ބުނެފަވެއެވެ.
އިސްރާއީލުން ވަނީ މީގެ ކުރިން ވެސް އެތައް ނޫސްވެރިންނެއް ޝަހީދުކޮށްލާފައެވެ. ޣައްޒާ އަށް ނުވަދެވޭތީ ބައިނަލްއަގްވާމީ މީޑިއާތަކުގެ މުވައްޒަފުން ގޮތުގައި ޣައްޒާގައި މަސައްކަތްކުރަނީ ގިނައިން ފަލަސްތީނަށް ނިސްބަތްވާ ނޫސްވެރިންނެވެ.