ރޮޑްރީއަށް އަށް އަނެއްކާވެސް އަނިޔާވެއްޖެ
9 އޯގަސްޓު 2025 - 08:46

މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީއަށް އިތުރު އަނުޔާތަކެއް ލިބިފައިވާކަމަށް ގުއާޑިއޯލާ ހާމަކޮށްފިއެވެ. އަދި ސެޕްޓެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހު ނޫނީ އޭނާ ފުރިހަމައަށް ރަނގަޅުވާނެކަމަށް ނުފެންނަ ކަމަށް ޓީމުގެ މެނޭޖަރު ބުނެފައިވެއެވެ.
ސްޕެއިންގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ރޮޑްރީ ވަނީ އަނިޔާގެ ސަބަބުން 2024-25 ވަނަ އަހަރުގެ ސީޒަންގެ ބޮޑު ބައެއް ކުޅުމުން މަޙްރޫމްވެފައެވެ. އެއީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ ކަކުލުގެ އޭސީއެލް އަނިޔާގެ ސަބަބުންނެވެ. 2024 ވަނަ އަހަރުގެ ބެލޯންޑިއޯ ހޯދި ރޮޑްރީ ދަނޑަށް ނުކުތީ ފާއިތުވި ސީޒަންގެ ފަހުކޮޅު ބޯންމައުތާ ދެކޮޅަށެވެ.

Ad by Hajj Corporation
29 އަހަރުގެ މި ކުޅުންތެރިޔާ ވަނީ އެމެރިކާގައި ބޭއްވުނު ކްލަބް ވޯލްޑް ކަޕްގައި ސިޓީގެ ސްކޮޑްގައި ހިމެނިފައެވެ. އެ މުބާރާތުގައި ސިޓީ ވަނީ 16 ވަނަ ބުރުގައި އަލް-ހިލާލާ ދެކޮޅަށް ކުޅެ ބަލިވެފައެވެ. ރޮޑްރީއަށް އަނިޔާވެފައި މިވަނީ މިމެޗުގައިކަމަށް ގުއާޑިއޯލާ ބުނެފައިވެއެވެ.
ސިޓީން އެމަންގެ ޕްރިމިއަރ ލީގް ކެމްޕެއިން ފަށާނީ އޯގަސްޓް 16 ގައި ވޯލްވްސްއާ ދެކޮޅަށެވެ. އޭގެ ފަހުން ޓޮޓްނަމް އަދި ބްރައިޓަންއާ ދެކޮޅަށް ކުޅުމަށްފަހު ސެޕްޓެމްބަރު އިންޓަނޭޝަނަލް ބްރޭކަށް ދާނެއެވެ. ގުއާޑިއޯލާ ވިދާޅުވީ މި މެޗުތަކުގައި ރޮޑްރީއަށް ކުޅެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް އެންމެ މުހިންމީ އޭނާއަށް އިތުރު އަނިޔާއެއް ނުވުން ކަމަށް ވިދާޅުވިއެވެ.