ރޮޑްރީގޯގެ ސޮއި ހޯދުމަށް ޓީމުތަކުން ކިޔޫގައި، މިވަގުތު އެންމެ ކުރީގައި ސިޓީ
14 އޯގަސްޓު 2025 - 04:46

މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ރިއަލް މެޑްރިޑްގެ ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ސިޓީއިން ބާރު ސްޕީޑުގައި ކުރަން ފަށާފައިވާކަމަށް ރިޕޯޓްތައް ލިބެން ފަށައިފިއެވެ.
ސިޓީގެ ކޯޗު ގުއާޑިއޯލާއަކީ ރޮޑްރީގޯގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި ގުއާޑިއޯލާގެ ޓީމަށް ރޮޑްރީގޯ ކުޅުވުމަކީ ގުއާޑިއޯލާގެ ހުވަފެނެެއްކަމަށް ފަބްރީޒިއޯވެސް ރިޕޯޓްކޮށްފައިވެއެވެ. .

މިކުޅުންތެރިޠާ ވިއްކާލުމަށް ރިއަލް މެޑްރިޑުން ކިޔާ އަގަކީ 100 މިލިއަން ޔޫރޯއެވެ. ނަމަވެސް މި އަގު ދަށްކުރުމަށް ސިޓީން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.މެންޗެސްޓަރ ސިޓީގެ ޖޭމްސް މެކްއެޓީ ނޮޓިންގަމް ފޮރެސްޓަށް ބަދަލުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ގްރީލިސް ވެސް މިހާރު ވަނީ އެވަޓަން އަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އަދި މިއާއެކު އެޓޭކަރ ސަވީނިޔޯ ވެސް ކުލަބް ދޫކޮށްލަން އުޅޭ ވާހަކަ ވަނީ ފެންމަތުވެފައެވެ. މިއާއެކު މިކުޅުންތެރިންގެ ބަދަލުގައި ރޮޑްރީގޯ ގެންނަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
މި ޓްރާންސްފާ އާއި ގުޅޭގޮތުން ގުއާޑިއޯލާ ސީދާ އެ ރޮޑްރީގޯއާއި ވާހަކަ ދައްކާފައިވާ ކަމަށް ފަބްރީޒިއޯ ބުނެފައިވެއެވެ. އަދި އޭނާގެ އާއިލާއާއި މެނޭޖްމަންޓް ޓީމާވެސް މަޝްވަރާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިވާހަކަތަކުގައި ރޮޑްރީގޯއަށް ސިޓީގައި ލިބޭނެ މުހިންމު ދައުރެއްގެ ވާހަކަވެސް ގުއާޑިއޯލާ ހިއްސާކޮށްފައިވާ ކަމަށް ބުނެވެއެވެ.
ވާއަތު ވިންގް އަށް ކުޅޭ ރޮޑްރީގޯ މިވަގުތު ރެއާލް ގައި އޭނާގެ އަސްލު މަޤާމަށް ކުޅުމުގެ ބަދަލުގައި، ރެއާލްގެ ސްކޮޑުން އޭނާ ފެންނަނީ ކަނާއަތު ވިންގް އަކަށް ކުޅުވާތަނެވެ. ސަބަބަކީ ރެއާލްގެ ކަނާއަތު ވިންގް ގެ މަޤާމް ވިނީސިއުސް އާއި އެމްބާއްޕޭ ވާދަކުުރުމެވެ. މީގެ އިތުރުން ރެއާލް ގެ އައުކޯޗު އެލަންސޯގެ އައު ސިސްޓަމާއެކު ރޮޑްރީގޯގެ ޓީމުގެ ދައުރާމެދު އިތުރު ސުޥާލު އުފެދިފައިވާ މި ދަނޑިވަޅުގައި، އޭނާ ޓީމު ދޫކޮށްލުމަކީ ވުން ވަރަށް ގާތް ކަމެކެވެ.
ސިޓީގެ އިތުރުން ޕީއެސްޖީ އާއި ލިވަޕޫލާއި އާސެލަން އަދި ޓޮޓްނަމްވެސް ރޮޑްރީގޯގެ ސޮއި ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.