ކުންފުނީގެ ހާލަތު ރަނގަޅުކޮށް، ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން: މިފްކޯ
9 އޯގަސްޓު 2025 - 17:02

ކުންފުނީގެ ސެންޓަރުތަކުގެ ހާލަތު ރަނގަޅުކުރުމާއި، ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަރުކާރު މަސް ކުންފުނި، މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ އަސާސީ މަރާމާތުތަކާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

Ad by Hajj Corporation
އެގޮތުން މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލާތްތަކުގެ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ލަސްވެފައިވުން ކަމުގައި މިފްކޯ އިން ބުންޏެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ އަސާސީ މަރާމާތުތައް ކުރުމަށް މިހާރި އިސްކަންދީފައިވާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި މިފްކޯއިން ވަނީ ބުނެފައެވެ.
މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި އައްޑޫއަތޮޅުން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫއަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ރޭވިފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މީގެއިތުރުން، އެ ކުންފުނިން ބުނީ، ތިނަދޫ ސިޓީގައި ގާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު އަންނަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ރޭވިފައިވާ ކަމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރުތެރޭ ފެށުމަށްވެސް ވަނީ ރޭވިފައި ކަމަށެވެ.
އަދި ކޫއްޑޫގެ މަސްގަތުމުގެ ހާލަތު ރަނގަޅުކުރުމަށް ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއި، ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމާއި، އަދި ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މި އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ބަޔާނުގައި މިފްކޯއިން ބުނެފައިވެއެވެ.