މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ސެޕްޓެމްބަރު 2025 - 04:59

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން އަދި ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް - ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ (ޓްރާންސްފޯމް ޕްރޮޖެކްޓް) އެހީތެރިކަމާއެކު،"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރު 2025 އިން 30 އޮކްޓޯބަރު 2025 އަށް، 14 ދުވަހުގެ މުއްދަތަށް ކ. މަނިޔަފުށީގައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފަރާތަކަށް ވަނީ ހުޅުވާލެވިފައެވެ.

Ad by Hajj Corporation
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަށް:
• އެކުއާކަލްޗަރގެ ނިޒާމުތަށް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފި ލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުއްވުމަށް ފިޝަރީސް މިނިސްޓްރީން ވަނީ އެދިފައެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މިނިސްޓްރީ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.
މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމެވެ.