މެރިކަލްޗާ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
4 ސެޕްޓެމްބަރު 2025 - 16:20

ދިވެހިރާއްޖެގެ މެރިކަލްޗަރ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޗައިނާގެ މެރިކަލްޗާ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.

Ad by Hajj Corporation
މި ފަހުމު ނާމާގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަވާސްގެ ތެރެއިންނެވެ.
ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ފާހުމުނާމާގައި ސޮއިކުރުމުގެ މަގުސަދަކީ އެކުންފުނިން ރާއްޖޭގައި ކުރުމަށް ތައްޔާރުވަމުން އަންނަ އިންވެސްޓުމެންޓުތަކާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހި ކުރުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މެރިކަލްޗަރ އަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒެކެވެ. އަދި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައިގެން މަސްވެރިކަން ތަރއްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ހާއްސަ 5 ޒޯނެއް ކަނަޑައަޅާ އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ސަރުކާރުން ދީފައިވާއިރު މެރިކަލްޗަރ އަށް ކަނޑައަޅާފައިވާ ހާއްސަ ޒޯން ތަކަކީ، ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ. މި ޒޯންތަކުގައި މެރިކަލްޗަރގެ މަސައްކަތްތަކުގައި ޝާމިލުވާ ފަރާތްތަކަށް އެކުއިޒިޝަން ފީއެއް ނުނަގާ، ފުރަތަމަ ތިން އަހަރު ދުވަހުގެ މުއްދަތަށް ކުލި މަޢާފުކުރާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.މި ކަންކަމާ ގުޅޭ ގަވާއިދު 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދިނުމުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.