މަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
31 އޯގަސްޓު 2025 - 14:29

މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި- މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާއްމު ކޮއްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 340 ދޯންޔަކުން މަސްކިރުވާފައިވެއެވެ.މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާ ބަލާއިރު 45.3 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 234 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

Ad by Hajj Corporation
މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 16.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީގެ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދާއި އަޅާބަލާއިރު 59.8 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަންގާރަ ދުވަހު ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.އެގޮތުން އެ ދުވަހު އެ ދޯނިތަކަށް މުޅި ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި އަހަރުގެ މަސްވެރިކަމުގެ މޫސުމާ ދިމާކޮށް މިފްކޯއިން އަންނަނީ އެ ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ނުކިރޭކަމުގެ ޝަކުވާއާއި ކަންބޮޑުވުން މަސްވެރިން އާންމުކޮށް ފާޅުކުރާއިރު، ސަރުކާރުގެ އަމާޒަކީ މި ކަން ކަމަށް ހައްލު ހޯދާދީ ،މަސް ގަނެ ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ރާއްޖޭގެ މަސް ރައްކާކުރާނެ ސްޓޯރޭޖް ކެޕޭސިޓީ 15،500 ޓަނުން އިތުރުކޮށް، ޖުމްލަ 25،000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރެޖް ކެޕޭސިޓީ ބޮޑު ކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ.