ފިއްލަދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި އާރުޑީސީއިން ސޮއިކޮށްފި
10 އޯގަސްޓު 2025 - 11:07

ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު އާރުޑީސީއިން މިއަދު ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ އަގަކީ 77,130,423.72 ( ހަތްދިހަ ހަތް މިލިޔަން އެއްލައްކަ ތިރީސް ހާސް ހަތަރުސަތޭކަ ތޭވީސް) ރުފިޔާއެވެ. މި މަޝްރޫއު ވަނީ 730 ދުވަސް ތެރޭ ނިންމަން ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިއްލަދޫއަށް ކުރެއްވި ދަތުރުފުޅުގައި ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމުގައި ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


