މި އަހަރުގެ ބެލަންޑީ އޯ ލިބެންޖެހޭނީ ބާސާގެ ކުޅުންތެރިއަކަށް - ބާސާގެ ރައީސް
އަބްދުﷲ ޣާނިމް
11 އޯގަސްޓު 2025 - 03:51

ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާ ވަނީ ޖުއާން ގެމްޕަރ ޓްރޮފީ ކާމިޔާބު ކުރުމަށްފަހު ދިން އިންޓަވިއުއެއްގައި، މިއަހަރުގެ ބެލަންޑިއޯ އެވޯޑް ކާމިޔާބުކުރަން ޖެހޭނީ ބާސެލޯނާގެ ކުޅުންތެރިއެއްކަން ހާމަކޮށްފިއެވެ.
ލަމިން ޔަމާލް އަދި ބެލަން ޑީ އޯއާ ބެހޭގޮތުން ވާހަކަދައްކަމުން ލަޕޯޓާ ބުނީ "އަހަރެން ދެކޭގޮތުގައި ބެލޯން ޑީ އޯރ ލިބެންޖެހޭނީ ބާސާގެ ކުޅުންތެރިއަކަށް. އަހަރެމެންގެ ހަތަރު ކުޅުންތެރިން ވަނީ ނޮމިނޭޓް ވެފައި. ލަމިން ވަނީ ޖީނިއަސް ލެވެލްގައި، އޭނާ އެކަން ކޮންމެ މެޗެއްގައިވެސް ދައްކުވައިދޭ. ބެލޯން ޑީ އޯރ ލިބޭ ކުޅުންތެރިންގައި ހުންނަ ސިފައެއް އޭނާގައި އެބަހުރި، އެއީ ތަމްރީނުގައި އެންމެ މަތީ ފެންވަރު ދެއްކުން."

ބެލަންޑީއޯ އަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން މިހާރު އިޢުލާން ކޮށްފައިވާއިރު، މިއަހަހަރު މިއެވޯޑް އަށް އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވޭ ތިން ކުޅުންތެރިންނަކީ ޔަމާލް އާއި ރަފީނިޔާގެ އިތުރުން ޑެމްބެލޭއެވެ.
މީގެ އިތުރުންވެސް ލަޕޯޓާ ވަނީ މިއިންޓަވިއުގައި މުހިންމު އެހެން ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ކެމްޕް ނޫގެ މަސައްކަތާ ބެހޭގޮތުން ވާހަކަދައްކަމުން ލަޕޯޓާ ބުނީ "އަހަރެމެން ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން މިދަނީ. ބާސެލޯނާ ސިޓީ ކައުންސިލާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން މިދަނީ. މިއީ ސިޓީ އަދި ގައުމީ ޕްރޮޖެކްޓެއްގެ ގޮތުގައި އެފަރާތުން ދެކޭ. އަދި އަހަރެމެން އެންމެން ވެސް މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އަހަރެމެންގެ ގެއަށް އެނބުރި ދެވޭތޯ."
އިނިގޯ މާޓިނެޒް ކްލަބުން ވަކިވުމާ ގުޅޭގޮތުން ލަޕޯޓާ ބުނީ "ޑެކޯ އެކަން ބުނެފި. އަހަރެމެންގެ ފަސް ސެންޓަރ ބެކުން ތިބި، އަދި އެ ޕޮޒިޝަންގައި ކުޅެވޭ އިތުރު ކުޅުންތެރިންވެސް ތިބި. އޭނާ އަދި އެއް އަހަރު މިތާ ހުންނަން ބޭނުންވި ނަމަވެސް، އޭނާގެ އުމުރަކީ 34 އަހަރު. ބައެއްފަހަރު މިފަދަ ފުރުސަތު އަންނަނީ އެންމެ ފަހަރު. އޭނާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް."
ބާސެލޯނާގެ ރައީސް އިތުރަށް ބުނީ އިނިގޯ މާޓިނެޒް ކްލަބަށް އައީ ހިލޭ ކަމަށާއި، މިފަދަ ފުރުސަތެއް އަތުވެއްޖެނަމަ އޭނާއަށް ފަސޭހަކޮށްދޭނެ ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށެވެ.