ހުށަހެޅިފައި އޮތީ ރައީސް ޔާމީނާއި އެމްޑީޕީން ގުޅިގެން ކުރި ވައްކަމުގެ ރިޕޯޓެއް: މެމްބަރު ފަލާހް
11 އޯގަސްޓު 2025 - 04:44

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުޢާމަލާތުގެ ތެރެއިން ހިންގާފައިވާ ބޮޑު ކޮރަޕްޝަނުގެ އަމަލާ ގުޅިގެން މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވާ ރިޕޯޓަކީ ކުރީގެ ރައީސް ޔާމީނާއި އެމްޑީޕީން ގުޅިގެން ކުރި ވައްކަންތަކުގެ މައްޗަށް ބިނާވެފައި އޮތް ރިޕޯޓެއްކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުޢާމަލާތާ ގުޅޭ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މެމްބަރު ފަލާހް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އެކި ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއްގެ ވައްކަން ކޮށްފައިވާކަމަށާއި ނަމަވެސް މިއަދު މަޖިލީހަށް ހުށަހެޅުނު ރިޕޯޓުގައި ވަނީ އެމްޑީޕީންކޮށްފައިވާ ވައްކަމުގެ ކުޑަ މިންވަރެއްކަމަށެވެ. ފަލާހްގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު މެމްބަރުންވަނީ 2018 ގައި ހުންނެވީ ކުރީގެ ރައީސް ޔާމިންކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ. ރައްދުގައި ފަލާހު ވިދާޅުވީ ވައްކަން ކުރީ ރައީސް ޔާމިނާއި އެމްޑީޕީން ގުޅިގެންކަމަށެވެ.
" 2018 ވަނަ އަހަރުން ފެށިގެން 2020އަށް ކޮށްފައިހުރި ވައްކަން މިއީ. ދެން ޔާމިނު ވިޔަސް ހެޔޮ. ޔާމީނާއި އެމްޑީޕީން ގުޅިގެން ކުރި ވައްކަމުގެ ރިޕޯޓެއް މިއޮތީ ހުށަހެޅިފައި. ރައީސް މުއިއްޒާއި މި ސަރުކާރުގެ ވާހަކައެއް ނޫން ހަމަގައިމުވެސް މިއޮތީ. ސަރުކާރުން ގޯސް ހަދައިފިއްޔާ މި ސަރުކާރުން ބަލާނެ. "
އެމްޑީޕީ ސަރުކާރުގައި ވައްކަން ކުރި މީހުންނަށް ދިނީ ހިމާޔަތްކަމަށް ވިދާޅުވެ ހެއްކެއްގެ ގޮތުގައި މެމްބަރު ފަލާހް ދެއްކެވީ އާރްޑީސީ ހިޔާނާތުގެ މައްސަލައިގައި އޭރު އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި މޫސާ އަލީ މަނިކު(މޫކޭ) އާ ދޭތެރޭ ފިޔަވަޅު ނާޅައި ބެހެއްޓި ބެހެއްޓުމެވެ.
"ކިތައް ފަހަރުތޯ އެމްޑީޕީ މެމްބަރުން ި މަޖިލީހަށް ހުށަހެޅީ އާރްޑީސީގެ ތިޖޫރީ ގެއްލިގެން. ޕީޖީ ލީޑަރު އަޅެ ވިދާޅުވެ ބައްލަވާ ފިޔަވަޅެއް އެޅުނުތޯ؟ އެމްޑީ ހުރީ ވެރިކަން ނިމެންދެން. ނުކެރުނޭ ފިޔަވަޅު އަޅާކަށް. މެމްބަރު ޣަފޫރު އެ ފާހަގަކުރެއްވީ އެކަން".
ފަލާހް ވިދާޅުވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިހުލާސްތެރިވެރިއެއްކަމަށާއި ވެރިކަން ކުރައްވަނީ ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ގޮތްތަކަށް ވިސްނަވައިގެންކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުޢާމަލާތްތަކާގުޅޭ ޚާއްޞަ ރިޕޯޓާމެދު މަޝްވަރާކުރުމަށްފަހު، 06 އޮގަސްޓު 2025 ގައި ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 32 ވަނަ ބައްދަލުވުމުގައި، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ އޮޑިޓް ރިޕޯޓުގައި ޤާނޫނާއި ގަވާއިދާ ޚިލާފުކަމަށް ފާހަގަކޮށްފައިވާ މައްސަލަތައް، ކުރިމަގުގައި ތަކުރާރު ނުވާނެގޮތަށް، އެކަން އިޞްލާޙުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދީފައިވާގޮތަށް އިޞްލާޙުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އެންގުމަށެވެ.
އަދި ތެޔޮ އުފުލާ އުޅަނދުފަހަރުތައް މޮނިޓަރކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި، ތެޔޮ ދޫކުރުމަށް ބޭނުންކުރެވޭ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ލައިވް ރިޕޯޓު ނެގޭގޮތަށް ހަދައި، ބާޖުތަކުގެ ޓޭންކުގައި ހުންނަ ތެލުގެ ޢަދަދު ލައިވްކޮށް މޮނިޓަރކުރުމަށްޓަކައި އޮޓޮމެޓިކް ގޭޖިންގ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ނިންމައި، އޭގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުން މި ރިޕޯޓު ފާސްކުރާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް އެންގުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މާޝަލް ހާބަރުގެ ބޭނުމަށް އެމްޕީއެލްއިން ގަތް ތެލުގެ ތެރެއިން ބައެއް ގެއްލިފައިވާތީ އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، މި ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކުން ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، ކޯޓުތަކަށް އަންގައި، މަސައްކަތް ކުރިޔަށްދާ ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މި ރިޕޯޓު ފާސްކުރާތާ 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެންގުމަށްވެސް ވަނީ ނިންމާފައެވެ.
ކުންފުނީގެ ޚާއްޞަ އޮޑިޓެއް ހަދައިދިނުމަށް އޮޑިޓަރ ޖެނެރަލަށް އެންގުމަށާއި ތެޔޮ އުފުލާ އުޅަނދުފަހަރުތަކުން އޯފްޝޯރ އަދި ސަލްވޭޖު އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް މާލޭ ސަރަޙައްދުން އުޅަނދުފަހަރުތައް ބޭރުވުމަށްފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށްފަހު، އެ އުޅަނދުފަހަރުތައް މޮނިޓަރކުރުމަށް ބޭނުންވާ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްތައް ރައްޔިތުންގެ މަޖިލީހުން މި ރިޕޯޓު ފާސްކުރާތާ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އުޅަނދުތަކުގައި ޤާއިމްކުރުމަށް އެ ކުންފުންޏަށް އެންގުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.