ކަމަދޫ އޮތީ ޗާޓުން ބޭރުވެފައި، އެކަން ނިމުމަކަށް ގެންނާނަން - ރައީސް
11 އޯގަސްޓު 2025 - 07:19

ބ. އަތޮޅުގެ ތަރައްޤީގެ ލިސްޓުގެ ފަހަތުގައި ކަމަދޫ އޮތްއޮތުން ނިމުމަކަށްގެނެސް، އެރަށާމެދު އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ސަމާލުކަމެއްދޭކަމަށް ވިދާޅުވެ ރައީސް ވަނީ، މީގެކުރިން އެއަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ކަމަދޫ އޮންނަނީ ފަހަތުގައިކަން ފާހަގަކުރައްވައި، އެ ތަފާތުކުރުން ނައްތާލައި ކަމަދުއަށް ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން ކަމަދުއަށް ސިއްޙީ ޚިދުމަތުގެ ކުރިއެރުން މުހިންމުކަމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ސިއްޙީ ޚިދުމަތް ތަރައްްޤީކުރުން މުހިންމުވެފައިވާތީ ވަރަށް އަވަހަށް ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން އެރަށަށް ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކުޅިވަރުގެ ވަސީލަތް ގާއިމްކުރުމަށް ބޭނުންވާ ތަކެތި ގެނައުން އެސްޓީއޯއާ ހަވާލުކޮށްފައިވާކަމަށެވެ. މިއާއެކު ޓާފް ގެނެވުނުހާ އަވަހަށް ފުޓުބޯޅަ ދަނޑު އެޅި ކުޅިވަރުގެ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތް މަދު ސުވަސްކޮޅެއްތެރޭ ސިއްޙީ މަރުކަޒުގެ ވަސީލަތް އިތުރުކޮށް އަދި ޖާގަ ގޮތުން އޮތް މައްސަލަ ހައްލުކޮށް، ސިއްޙީ ޚިދުމަތް 16 ގަޑިއިރަށް ޚިދުމަތްދިނުމާއެކު މުޅި މައްސަލައަށް ހައްލު ހޯދައިދޭނަން. އަންނަ ސެޕްޓެމްބަރު މަހު ބަޔަކާއެކު ސޮއިކޮށް، ދެމަހެއްހާ ދުވަސްތެރޭ މޮބަލައިޒްކޮށް، ބަޔަކާ ހަވާލުކޮށް މިއަހަރު ނިމުމުގެ ކުރިން މަޝްރޫޢޫ ފެށޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ތަރުތީބުންކަމަށާއި، އެކަން ކުރިއަށްދާނެގޮތް ރާވާފައިވާކަަމަށް ވިދާޅުވިއެވެ. އެގޮތުން ކަމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް މަޝްރޫޢުތައް ފުރިހަމައަށް ކުރިއަށްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކަމަދޫގައި އައު މިސްކިތެއް އަޅުއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އޭގެ އިތުރަށްވެސް ތަރައްޤީގެ މަޝްރޫޢުތައް ކަމަދޫގައި ކުރިއަށްދާނެކަމަށާއި، ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށަކަށްވާތީ ރަށް ކައިރިން ފަޅުރަށެއް ޕިކްނިކް ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


