ގޮއިދޫގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވޭ: ރައީސް
12 އޯގަސްޓު 2025 - 10:43

ބ. ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ބިޑް އެވޯޑްކޮށް އަދި މި ހިނގާ މަސް ނިމުމުގެ ކުރިން އެ ރިސޯޓް ތަރައްޤީ ކުރުމަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މާޅޮސް މަދުލުދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ގޮއިދޫގެ ރަތްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ، އެ ރަށުގައި ރައީސް ކުރައްވާފައިވާ ހުރިހާ ވައުދުތަކެއްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް ވަނީ ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ބައެއް ވަޞީލަތްތައް ގާއިމުކުރުމާއި އަވަށު މެދުގައި ފެނަކަ ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމާއި ފެނަކައިގެ ޖާގައިގެ ދަތިކަން ހައްލުކޮއްދޭނެ ކަން ވެސް ފާހަގަކުރައްވާފައެވެ.
އަދި މިހާރު ގޯތި ދޫކުރުމަށް ސަރުކާރުން ދޭންޖެހޭ ހުއްދަ މިހާރުގެ ލޭންޑް ޔޫސް ޕްލޭންގައި އެންމެ ގިނަ ޖާގައަށްވާ ވަރަށް ހުއްދަ ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ގޯތިތައް ކައުންސިލުން ވަރަށް އަވަހަށް ދޫކުރަން ފަށާނެކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންވީމަ އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ މަސައްކަތެއް ކުރިއަށްދާނެ. އަދި އަޅުގަނޑު އުންމީދު ކުރަނީ މި ކަންކަމުން ގޮއިދޫގެ ރަތްޔިތުން އުންމީދު ކުރާ ގޮތައް ރަށުގެ ކަންކަން ފުރިހަމަ ވެގެން ދިޔުމުން ތިބޭފުޅުންނަށް އޭގެ ނަފާ ލިބިގެން ދިޔުން. ސަރުކާރުން އަބަދުވެސް އޮންނާނީ ތިބޭފުޅުންނާ އެކީގައި - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މީގެ އިތުރުން ރައީސް ވަނީ ރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓު ދެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމާއެކު އިކޯ ޓޫރިޒަމަށް ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ގޮއިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްޓާފް ރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ މަޝްވަރާތައް ކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ސްކޫލްގެ ކަރަންޓުގެ ހާލަތުގެ ކަންބޮޑުވުން ފާޅުކުރިއިރު، ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ސްޕޯޓްސް ކަނދުފަތީގެ އަޕްޑޭޓެއް ލިބެން ބޭނުންވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.