ފެހެންދޫގައި ފުލުހުންގެ އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފި
12 އޯގަސްޓު 2025 - 11:50

ބ. ފެހެންދޫގައި އަލަށް ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ކެބިނެޓުގެ ބައެއް ވަޒީރުން ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ފެހެންދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، އަލީ އިހުސާންއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެހެންކަމުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ.
މީގެ އިތުރުން ފެހެންދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ތަރައްގީކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސް ޑރ. މުއިއްޒު ވަނީ އެ ޚިދުމަތް އެ ރަށުގައި ފައްޓަވައިދެއްވާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފެހެންދޫގައި އޭޓީއެމް ހިދުމަތް މިވަނީ ގާއިމްކޮށްފައެވެ. މި އޭޓީއެމްގެ ހިދުމަތް ފަށްޓަވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި އޭޓީއެމް ހިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ފެހެންދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޖާދުﷲ ޢަލީ އެވެ.
އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.