ބަނގުރަލުގެ ވިޔަފާރި ކުރި 4 ބިދޭސީން ހައްޔަރުކޮށްފި
13 އޯގަސްޓު 2025 - 04:32

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައެވެ.
މި މައްސަލައާ ގުޅިގެން ފެނިފައިވާ ތަކެތި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 511 ފުޅިއާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.