ލިވަޕޫލުގެ ޑިފެންސިވް މައްސަލަތައް ހައްލުކުރުމަށް ދެ ޑިފެންޑަރުން ގެންނަނީ
13 އޯގަސްޓު 2025 - 05:33

ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މާކް ގުއެހީ އާއި ޕާމާގެ ޒުވާން ޑިފެންޑަރު ޖިއޯވާނީ ލެއޯނީ ގެނައުމަށް ލިވަރޕޫލުން މަސައްކަތް ފަށައިފިއެވެ. ބީބީސީން ރިޕޯޓުކުރި ގޮތުގައި ގުއެހީ ގެނައުމަށް ލިވަރޕޫލުން ވަނީ ކްރިސްޓަލް ޕެލަސްއާ އެކު މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ.
އިނގިރޭސި ޤައުމީ ޓީމުގެ ޑިފެންޑަރު އަދި ކްރިސްޓަލް ޕެލަސްގެ ކެޕްޓަން ގުއެހީގެ ކޮންޓްރެކްޓް އޮތީ އަންނަ ސީޒަނުގެ ނިޔަލަށެވެ. ކްރިސްޓަލް ޕެލަސްއިން ގުއެހީ ދޫކޮށްލުމަށް 40 މިލިއަން ޕައުންޑް ބޭނުންވާއިރު، މިހާތަނަށް 270 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ ލިވަރޕޫލުން ބޭނުންވަނީ އެއަށްވުރެ ކުޑަ އަގެއްގައި ގުއެހީ ގެނައުމަށެވެ. ލިވަޕޫލުން ޤަބޫލުކުރަނީ ކުޅުންތެރިޔާގެ އެއްބަސްވުން ހަމަވާން އެންމެ އަހަރަކަށް ވެފައިވުމުން 40 މިލިޔަން ޕައުންޑް އަށްވުރެ އަގުހެޔޮކޮށް ކުޅުންތެރިޔާގެ ސޮއި ހޯދޭނެކަމަށެވެ. އަދި މީގެ އިތުރުން ގުއެހީވެސް ލިވަޕޫލަށް ދިޔުމަށް ތައްޔާރަށް ހުރިކަމަށް ރިޕޯޓްތައް ލިބެއެވެ.

ގުއެހީގެ އިތުރުން ލިވަރޕޫލުން ޕާމާގެ 18 އަހަރުގެ ޑިފެންޑަރު ޖިއޯވާނީ ލެއޯނީ ގެނައުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް ހަބަރުތައް ލިބެއެވެ. އިޓަލީގެ ޒުވާން ޑިފެންޑަރު ލެއޯނީއަކީ މުސްތަގުބަލަށް ޓަކައި ގެންނަން ބޭނުންވާ ކުޅުންތެރިއެއް ކަމަށް ވެއެވެ. މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް ލިވަޕޫލަން 40 މިލިޔަން ޕައުންޑާއި ގާތްކުރާ އަދަދެއް ހޭދަކުރަންޖެހޭނެކަމަށް ބެލެވެއެވެ.
ބޮޑު ޚަރަދަކާއެކު ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދި ލިވަޕޫލް މިދިޔަ ހަފްތާ ބަންދުގައި ކުޅުނު ޝީލްޓް މެޗުގައި ޕެލަސް އަތުން ވަނީ ބަލިވެފައެވެ. އަދި އެމެޗުގައި ލިވަޕޫލްގެ ޑިފެންސިވް މައްސަލަތައް ވަރަށް ބޮޑަށް ފާހަގަވެފައިވެއެވެ.